ދެކުނު އޭޝިއާ ސަރަހައްދުގެ އެހެން ގައުމުތަކާ ހިލާފަށް، އާބާދީ މުސްކުޅިވުމުގެ ކުރިން އިގްތިސާދީ ގޮތުން މުއްސަނދި ގައުމަކަށް ވުމުގެ ފުރުސަތު އޮތީ ހަމައެކަނި ދިވެހިރާއްޖެއަށް ކަމަށް ވޯލްޑް ބޭންކުން ނެރުނު އާ ރިޕޯޓެއްގައި ހާމަކޮށްފި އެވެ.
ވޯލްޑް ބޭންކުން މި މަހު އާންމުކުރި "ޑެމޮގްރަފިކް ޗޭންޖް އިން ސައުތު އޭޝިއާ: ފްރޮމް ޓެއިލްވިންޑްސް ޓު ހެޑްވިންޑްސް ފޯ ޑިވެލޮޕްމަންޓް" ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ދެކުނު އޭޝިއާގެ ގައުމުތަކުގެ އާބާދީ މުސްކުޅިވަމުންދާ ދުވެލި އާދަޔާ ހިލާފަށް ހަލުވިވެފައި، މުސްކުޅި އާބާދީއަކަށް ބަދަލުވާއިރު އެ ގައުމުތަކުގެ ބޮލަކަށް ޖެހޭ އާމްދަނީ ހުންނާނީ ދުނިޔޭގެ ތަރައްގީވަމުން އަންނަ އެހެން ގައުމުތަކާ އަޅާބަލާއިރު މާ ދަށުގަ އެވެ. ނަމަވެސް ރާއްޖޭގެ ބޮލަކަށް ޖެހޭ އާމްދަނީ މިހާރު ވެސް ތަރައްގީވަމުން އަންނަ ގައުމުތަކުގެ އެވްރެޖަށް ވުރެ ބޮޑުތަނުން މަތިވުމާއި، އިގްތިސާދު ކުރިއަރަމުންދާ ދުވެލި ހަލުވިވުމުގެ ސަބަބުން މި ސަރަހައްދުން މިކަމުގައި އިސްތިސްނާވާ ހަމައެކަނި ގައުމަކީ ރާއްޖެ އެވެ.
ރިޕޯޓުގެ ހިސާބުތައް ދައްކާ ގޮތުން 2013 އިން 2023 އަށް ބޮލަކަށް ޖެހޭ އާމްދަނީ ކުރިއެރި ނިސްބަތުން ކުރިއަށް އޮތް ތަނުގައި ވެސް އިގްތިސާދު ކުރިއަރާ ނަމަ، 2044 ވަނަ އަހަރު ރާއްޖެ މުސްކުޅި އާބާދީއަކަށް ބަދަލުވާއިރު ބޮލަކަށް ޖެހޭ އާމްދަނީ 25،000 ޑޮލަރަށް ވުރެ މައްޗަށް އަރާނެ އެވެ.
ނަމަވެސް ރާއްޖެއަށް މި ފުރުސަތު އޮތް ނަމަވެސް އާބާދީ މުސްކުޅިވަމުން އަންނަ ދުވެލި އިންތިހާއަށް ހަލުވިކަން ފާހަގަކޮށް ވޯލްޑް ބޭންކުން ވަނީ އިންޒާރުދީފަ އެވެ. އެގޮތުން ރާއްޖޭގައި މަސައްކަތްކުރާ އުމުރުގެ ނުވަތަ 15 އަހަރާއި 64 އަހަރާ ދެމެދުގެ މީހުންގެ ނިސްބަތް އެންމެ މައްޗަށް ދާނީ 2033 ވަނަ އަހަރު އެވެ. އަދި އާބާދީގެ ހަތް ޕަސެންޓަކީ 65 އަހަރުން މަތީގެ މީހުން ކަމަށް ވެ، "މުސްކުޅިވަމުންދާ އާބާދީއެއް" ގެ ދަރަޖައަށް 2031 ވަނަ އަހަރު ރާއްޖެ ބަދަލުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އޭގެ އެންމެ 13 އަހަރު ފަހުން، 2044 ވަނަ އަހަރު އާބާދީގެ 14 ޕަސެންޓަކީ 65 އަހަރުން މަތީގެ މީހުންނަށް ވެ، "މުސްކުޅި އާބާދީއެއް" ގެ ދަރަޖައަށް ބަދަލުވާނެ ކަމަށާއި، 2050 ވަނަ އަހަރާ ހަމައަށް ދާއިރު އާބާދީގެ 20 ޕަސެންޓަށް ވުރެ ގިނަ މީހުންނަކީ 65 އަހަރުން މަތީގެ މީހުންނަށް ވާނެ ކަމަށް ރިޕޯޓުގައިވެ އެވެ.
މިއީ މުޅި ދުނިޔޭގެ ނިސްބަތުން ވެސް އެންމެ ހަލުވި މިނުގައި އާބާދީ މުސްކުޅިވާނެ އެއް ބަދަލު ކަމަށް ވޯލްޑް ބޭންކުން ފާހަގަކުރެ އެވެ. ދެކުނު އޭޝިއާގެ އެވްރެޖަށް ބަލާއިރު، މުސްކުޅިވަމުންދާ އާބާދީއަކުން މުސްކުޅި އާބާދީއަކަށް ބަދަލުވާން 25 އަހަރު ނަގާނެ ކަމަށް ލަފާކުރެވޭއިރު، ރާއްޖެއަށް އެ ބަދަލު އަންނާނީ އޭގެ ފަސް އަހަރު ކުރިންނެވެ. މުޅި ސަރަހައްދަށް ބަލާއިރު މަސައްކަތްކުރާ އުމުރުގެ މީހުންގެ ނިސްބަތް 2034 ގައި އެންމެ މައްޗަށް ދިއުމަށް ފަހު، 2049 ގައި ސަރަހައްދުގެ އާބާދީ މުސްކުޅި އާބާދީއަކަށް ބަދަލުވާނެ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ.
ޕެންޝަން ނިޒާމަށް ބަލާއިރު، ދެކުނު އޭޝިއާގައި މަސައްކަތްކުރާ އުމުރުގެ މީހުންގެ ތެރެއިން ޕެންޝަން ސްކީމްތަކުގައި ބައިވެރިވަނީ އެންމެ 17 ޕަސެންޓް މީހުން ކަމަށް ވިޔަސް، ރާއްޖޭގެ ޕަބްލިކް އަދި ޕްރައިވެޓް ސެކްޓާގެ ޕެންޝަން ކަވަރޭޖް ހުރީ ސަރަހައްދުގެ އެވްރެޖަށް ވުރެ މާ މަތީގައިކަން ވޯލްޑް ބޭންކުން ފާހަގަކުރެ އެވެ.
އެހެން ނަމަވެސް، މުޅި ސަރަހައްދަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކުގެ އަސަރު ރާއްޖެއަށް ވެސް އޮތް ކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން ރާއްޖޭގައި އުފަންވާ ކުއްޖެއްގެ އެވްރެޖް އުމުރު 80 އަހަރާ ގާތްކުރާއިރު، ފުރިހަމަ ސިއްހަތެއްގައި ހޭދަކުރެވެނީ 70 ވަރަކަށް އަހަރު ކަމަށާއި، ސަރަހައްދުގެ ބަލިތަކުގެ ތިންބައިކުޅަ ދެބަޔަކީ ގައިންގަޔަށް ނާރާ ބަލިތައް ކަން ހިސާބުތަކުން ދައްކަ އެވެ. މީގެއިތުރުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ސަބަބުން ކޯލް ސެންޓަރުތަކާއި އާދައިގެ އެކައުންޓިން ފަދަ ސާނަވީ ތައުލީމު ފެންވަރުގެ ވަޒީފާތައް އިއުލާންކުރާ މިންވަރު 2022 ގެ ފަހުން 24 ޕަސެންޓް ދަށަށް ގޮސްފައިވާއިރު، އުމުރުން ދުވަސްވީ މީހުން ބެލެހެއްޓުމުގެ ޒިންމާ އާއިލާގެ އަންހެނުންގެ ބޮލުގައި އެޅިފައި އޮތުމަކީ ސަރަހައްދުގައި އަންހެނުން ވަޒީފާއަށް ނުކުންނަ ނިސްބަތް 35 ޕަސެންޓުގައި ހިފެހެއްޓިފައި އޮތް ބޮޑު ސަބަބެއް ކަމަށް ރިޕޯޓުގައިވެ އެވެ.
ވޯލްޑް ބޭންކުން ބުނި ގޮތުގައި ރާއްޖެ މުސްކުޅި އާބާދީއަކަށް ބަދަލުވުމަށް އޮތް 18 ވަރަކަށް އަހަރުގެ ތެރޭގައި މުހިންމު އިސްލާހުތަކެއް ނުގެނެސްފި ނަމަ، މުއްސަނދި ގައުމަކަށް ވުމުގެ ފުރުސަތު ގެއްލިގެން ހިނގައިދާނެ އެވެ. މިކަމުން އަރައިގަތުމަށް މައިގަނޑު ހަތަރު ދާއިރާއަކުން ފިޔަވަޅު އެޅުމަށް ރިޕޯޓުގައި ލަފާދީފައިވެ އެވެ.
ފުރަތަމަ ކަމެއްގެ ގޮތުން، އަމިއްލަ ވިޔަފާރިތަކާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފަސޭހައިން ލިބޭނެ ގޮތް ހެދުމާއެކު، ވަޒީފާގެ ބާޒާރުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ކުޑަކުދިން ބަލަހައްޓާނެ ނިޒާމުތަކާއި ލުއިފަސޭހަ މަސައްކަތުގެ މާހައުލެއް ގާއިމުކުރުމަށް ލަފާދީފައިވެ އެވެ. ދެވަނަ ކަމަކަށް، ހޮސްޕިޓަލްތަކަށް ބަރޯސާވުމުގެ ބަދަލުގައި ޕްރައިމަރީ ހެލްތު ކެއާ މެދުވެރިކޮށް ގައިންގަޔަށް ނާރާ ބަލިތައް ދުރާލާ ދެނެގަނެ ފަރުވާދެވޭނެ ނިޒާމު ވަރުގަދަކުރުމާއި، އުމުރުން ދުވަސްވީ މީހުން ބަލަހައްޓާނެ ތަމްރީނު ލިބިފައިވާ ހިދުމަތްތެރިން އުފެއްދުން ހިމެނެ އެވެ.
މީގެއިތުރުން އުމުރުން ދުވަސްވާ މީހުންނަށް ވެސް އުފެއްދުންތެރި ގޮތެއްގައި މަސައްކަތުގައި ދެމިތިބެވޭނެހެން އާ ހުނަރުތައް ދަސްކޮށްދޭ ޕްރޮގްރާމްތައް ހިންގައި ރިޓަޔާމަންޓަށް ލުއި ގޮތްތަކެއް ހަމަޖެއްސުމަށާއި، އާބާދީ މުސްކުޅިވުމުން އިޖުތިމާއީ ރައްކާތެރިކަމާއި ސިއްހީ ހިދުމަތްތަކަށް ކުރަންޖެހޭ ހަރަދުތައް ބޮޑުވާނެތީ ދައުލަތުގެ އާމްދަނީ އިތުރުކޮށް ހަރަދުތަކުގެ ނަތީޖާ ނެރެވޭ މިންވަރު މަތިކުރުމަށް ވެސް ވޯލްޑް ބޭންކުގެ ރިޕޯޓުގައި ވަނީ އިލްތިމާސްކޮށްފަ އެވެ.
މަސްދަޅު ކޭސް ބަހަން އަންނަ އަހަރަށް 86.8 މިލިއަން ރުފިޔާ
އިޒްރޭލުގައި ސަރުކާރެއް އެކުލަވާލުމުގެ މަޝްވަރާތައް ކާމިޔާބުނުވި
އޮންލައިންކޮށް އިމްތިހާނު ހެދޭނެ ގޮތް ހަމަޖައްސަން އަންގަނީ