ބޮލީވުޑްގެ ކާމިޔާބު ބަތަލާ އާލިއާ ބަޓް ނަމުގެ ފަހަތަށް "ކަޕޫރު" އިތުރު ކުރުމަށް ނިންމައިފި އެވެ.

މިދިޔަ އޭޕްރީލު މަހު ރަންބީރު ކަޕޫރާއި އާލިއާ ބަޓް ކައިވެނިކޮށްފައިވާއިރު އެ ދެ ފަންނާނު މިހާރު ތައްޔާރުވަމުން އަންނަނީ އެމީހުންގެ ފުރަތަމަ ދަރިފުޅަށް މަރުހަބާ ކިޔުމަށެވެ. އާލިއާ ބަނޑުބޮޑުކަން އިއުލާންކުރީ ޖޫން މަހުގެ ފަހުކޮޅުގަ އެވެ.

މިޑް ޑޭ އަށް ދިން އިންޓަވިއުއެއްގައި އާލިއާ ބުނީ އޭނާގެ ނަން ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އާލިއާ ބަޓް އިން އާލިއާ ބަޓް ކަޕޫރަށް ބަދަލުކުރުމަކީ އޭނާއަށް ލިބިގެންދާ ވަރަށް ބޮޑު އުފަލެއް ކަމަށްވެސް އާލިއާ ބުންޏެވެ.

"އަހަރެމެންނަށް މިހާރު ދަރިއަކު ލިބެން މިއުޅެނީ. ނަމުގެ ފަހަތަށް ކަޕޫރު ލާނަން. ނަން ބަދަލު ނުކުރާނަމަ ދަރިފުޅާއެކު އެކި ގައުމުތަކަށް ދަތުރުކުރާއިރު އަހަރެން އެކަނި އިންނާނީ ބަޓް އަކަށް. އަނެއް ދެމީހުން ވާނީ ކަޕޫރަށް. އަހަރެން ބޭނުމެއް ނޫން ބާކީ ވާކަށް. ޕާސްޕޯޓުތަކާއި ހުރިހާ ލިޔެކިޔުމެއް ބަދަލުކުރާނަން،" އާލިއާ ބުންޏެވެ.

https://www.instagram.com/p/Cg6gAb-PjQb/?hl=en

އާލިއާ ބުނީ ލިޔެކިޔުންތައް ބަދަލުކުރި ނަމަވެސް އޭނާގެ ސްކްރީން ނަމަކީ ހަމަ އާލިއާ ބަޓް ކަމަށެވެ.

ކުޅަދާނަ ބަތަލާ އެންމެ ފަހުން ފެނިގެންދިޔައީ ނެޓްފްލިކްސް ގައި ރިލީޒްކުރި "ޑާލިންގްސް" އިންނެވެ.

އާލިއާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ފިރިމީހާ ރަންބީރު އާއެކު "ބުރައްމަސްތުރާ" އިންނެވެ.

އާލިއާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ކަރަން ޖޯހަރުގެ ފިލްމު "ރޮކީ އައުރް ރާނީ ކީ ޕްރޭމް ކަހާނީ" ވެސް ހިމެނެ އެވެ.