ނަމާދުކުރާ އަޑު ބޭރަށް ނީވޭގޮތް ހަދަން މާލޭގެ ބައެއް މިސްކިތްތަކުގެ އިމާމުންނަށް އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިސްކިތްތަކުގައި ނަމާދު ކުރާ އަޑު ނީވޭގޮތަށް ހެދުމަށް އެންގީ މިސްކިތްތަކުގެ ކައިރީގައި ދިރިއުޅޭ މީހުންގެ ފަރާތުން ތަކުރާރުކޮށް ލިބިފައިވާ ޝަކުވާތަކަކާ ގުޅިގެން ކަމަށެވެ.

ނަމާދު ކުރާއިރު ބޭރަށް އަޑުއިވޭ ގޮތަށް ހުރުން އެއީ އަމަލުކުރަމުން އައި އާންމު އުސޫލު ކަމަށްވީ ނަމަވެސް އާންމުންނަށް އުދަނގޫވާ ވަރަށް އަޑު ބާރުކޮށްފައި ހުރުން ރަނގަޅު ނޫން ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

"މިސްކިތުގައި ނަމާދުކުރާ އަޑު މުޅި ސަރަހައްދަށް އިވޭ ގޮތް ހެދުމަކީ އާންމު އުސޫލެއް ނޫން. ބައެއް މިސްކިތްތަކުގައި ބަންގި ގޮވުމަށް ބޭނުން ކުރާ ލައުޑް ސްޕީކަރު ކަނޑާ ނުލައި ނަމާދު ކުރާތީ އެ ސަރަހައްދުތަކަށް ވަރަށް އަޑުގަދަވާ ކަމަށްބުނެ އާންމުންގެ ޝަކުވާ މިއަންނަނީ،" އިސްލާމިކް މިނިސްޓްރީ ބުންޏެވެ.

މިސްކިތުން ބޭރަށް ނަމާދު ކުރާ އަޑު ނީވޭ ގޮތް ހަދަން އެންގީ ކޮން މިސްކިތްތަކަށް ކަމެއް އަދި ސާފެއް ނުވެ އެވެ.