އަދުގެ ސިޔާސީ މަސްރަހަށް އައިސްފައިވާ ބަދަލުތަކާއެކު ސިޔާސީ މަސައްކަތުގެ ވައްޓަފާޅިވެސް ބަދަލުކުރަންވެއްޖެ ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ،

ފަހަކަށް އައިސް ވަރަށް ގިނައިން އެކި ކަންކަމާ ޓުވީޓު ކުރައްވާ އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަޝްރަހު މިއަދު އޮތީ 2000 އިން 2005 ވަނަ އަހަރާ ހަމައަށް، ނުވަތަ 2005 އިން 2008 ވަނަ އަހަރާ ހަމައަށްވެސް އޮތް ގޮތަށް ނޫން ކަމަށެވެ.

އެހެންކަމުން މިދިޔަ މުއްދަތުގައި ސިޔާސީ މަސްރަހަށް އައިސްފައިވާ ބަދަލުތަކާ އެއްގޮތަށް އަދުގެ ސިޔާސީ މަސައްކަތުގެ ވައްޓަފާޅި ބަދަލުކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.

އިމްރާން ފަހަކަށް އައިސް ގިނަ ޓުވީޓުތައް ކުރައްވާތީ ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ. ބައެއް ފަރާތްތަކުން ބުނަނީ މިއީ އިންތިހާބާ ދިމާކޮށް އަދާލަތު ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ކުރާ ޓުވީޓު ތަކެއް ކަމަށާއި އަދި އެ ޕާޓީއަކީ މިއަދު އުފެއްދި މަގްސަދު ހާސިލް ނުވާ ޕާޓީއެއް ކަމަށެވެ. ރިޔާސީ އިންތިހާބަށް އެޕާޓީން އަދި ކެންޑިޑޭޓެއް ނުދައްކާއިރު ކުރިއަށް އޮތް އިންތިހާބުގައިވެސް ކޮންމެވެސް ކެންޑިޑޭޓަކާއެކު ކޯލިޝަން ހަދައި ސަރުކާރުން ގޮނޑިތަކެއް ކަށަވަރުކުރުމަށް މަސައްކަތްކުރާނެކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެ އެވެ.