ފަހަކަށް އައިސް ބޮލީވުޑްގައި ކާމިޔާބު ފިލްމުތަކުން ފެނިފައިވާ އެއް އަންހެން ފަންނާނެއްގެ ގޮތުގައި ކިއާރާ އަދްވާނީ ހިމެނެ އެވެ. ކިއާރާ ވަނީ އޭނާގެ ރީތިކަމުންނާއި، އެކްޓު ކުރުމުގެ ހުނަރުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފަ އެވެ.

ނަމަވެސް ކިއާރާގެ ސަޕޯޓަރުންގެ ތެރެއިން ގިނަ ބަޔަކަށް ނޭނގޭ އެއް ކަމެއްވެ އެވެ. އެއީ އޭނާގެ އަސްލު ނަމެވެ. ކިއާރާގެ އަސްލު ނަމަކީ އާލިޔާ އަދްވާނީ އެވެ.

އެހެންނަމަވެސް އޭނާގެ އެންމެ ފުރަތަމަ ފިލްމު 'ފުގްލީ' ރިލީޒްވުމުގެ ކުރިން ކިއާރާ ވަނީ އޭނާގެ ނަން ބަދަލުކޮށްފަ އެވެ.

ކިއާރާގެ ނަން އާލިއާ އިން ކިއާރާއަށް ބަދަލުކުރުމަށް ނަސޭހަތްތެރިވީ ބޮލީވުޑް ފިލްމު އިންޑަސްޓްރީގެ ކާމިޔާބު އެކްޓަރު ސަލްމާން ޚާން އެވެ. އަދި އެފަދައިން އެކަން ކުރުމަށް ނަސޭހަތްތެރިވީ، އާލިއާގެ ނަމުގައި ބޮލީވުޑް ފިލްމު އިންޑަސްޓްރީގައި އިތުރު މަޝްހޫރު ފަންނާނަކު ހުރުމާއި ގުޅިގެންކަމަށް ސަލްމާނު ބުނެފައިވާކަމަށް ރިޕޯޓުތަކުން ބުނެ އެވެ. ސަލްމާނު އިޝާރާތްކޮށްފައިވަނީ ބޮލީވުޑްގެ މަޝްހޫރު ތަރި އާލިއާ ބަޓް އަށެވެ.

ބޮލީވުޑްގައި ކިއާރާ އެންމެ ބޮޑަށް މަގުބޫލުވެގެން ދިޔައީ، 'ކަބީރް ސިންގް' ފިލްމަށް ފަހުގަ އެވެ. 60 ކްރޯރުގެ ބަޖެޓުގައި ހެދި އެ ފިލްމަށް ވަނީ 380 ކްރޯރުގެ އާމްދަނީއެއް ލިބިފަ އެވެ. އަދި އެއަށްފަހު ކިއާރާ ވަނީ 'ބޫލްބުލައްޔާ' 'ޖުގްޖުގް ޖިޔޯ' ފަދަ ކާމިޔާބު ފިލްމުތަކެއް ކުޅެދީފަ އެވެ.

ކިއާރާ އެންމެ އަވަހަށް ފެނިގެންދާނީ 'ގޯވިންދާ ނާމް މޭރާ' އިންނެވެ. އެފިލްމުގައި ކިއާރާ ފެނިގެންދާނީ ވިކީ ކޯޝަން އެކުގަ އެވެ.