މާތް ﷲ އަށް ދުއާ ދަންނަވައި، އެކަލާނގެ ހަޟްރަތުން އުންމީދު ކަނޑައި ނުލުމަށް ކުރީގެ ފިލްމީ ތަރި ސަނާ ޚާން، ނަސޭހަތްތެރިވެއްޖެ އެވެ.
އިންސާނުން މާތްﷲ ގެ ނިއުމަތްތަކަށް އެންމެ އެދެވޭ ގޮތުގައި ޝުކުރު އަދާނުކުރެވޭ ކަމަށާއި، އެހެން ނަމަވެސް އެކަލާނގެ އިންސާނުންނަށް ލައްވާ ރަހުމަތް އެއްވެސް މިންވަރަކަށް މަދު ނުވާ ކަމަށް ސަނާ ވަނީ ބުނެފަ އެވެ.
ހަމަައެހެންމެ އޭނާ ވަނީ އާންމުންނާއި މުހާތަބުކޮށް ވާހަކަ ދައްކަމުން، އޭނާގެ ހަޔާތާއި ގުޅޭ ބައެއް ޒާތީ މައުލޫމާތުތައް އާންމުންނާއި ހިއްސާކޮށްފަ އެވެ.
އެގޮތުން 2013 ވަނަ އަހަރުން ފެށިގެންވެސް އޭނާ ހެޔޮލަފާ ދަރިން ދެއްވުމަށް އެދި ﷲގެ ހަޟްރަތުގައި ދުއާ ދަންނަވާ ކަމަށް އޭނާ ބުނެފައިވެ އެވެ. އޭރު ހެޔޮލަފާ ފިރިއަކު ލިބޭނެ ކަމުގެ އުންމީދެއްވެސް ނުކުރާކަމަށް ސަނާ ބުންޏެވެ.
ނަމަވެސް އޭނާ އަބަދުވެސް ބޭނުންވީ، ހެޔޮލަފާ ދީންވެރި ފިރިއެއް ކަމަށާއި، އެމީހެއްގެ ފަރާތުން ހެޔޮލަފާ ދަރިން ދުނިޔެ އައުމަށް އަބަދުވެސް ދުއާކުރިކަމަށް އޭނާ ބުންޏެވެ. އަދި އެކަމުގެ ސަބަބުން އޭނާ އަށް ދަސްވި ފިލާވަޅަކީ، އެކަލާނގެ ހަޟްރަތުން އެދޭ އެއްވެސް ކަމަކަށް އުންމީދު ކަނޑައި ނުލުން ކަމަށާއި، އެބަސް ފެތުރުމަކީ މިއަދު އޭނާގެ ވާޖިބެއް ކަމުގައި ދެކޭކަމަށް އޭނާ ބުނެފައިވެ އެވެ.
ސަނާ ޚާން ވަނީ މުފްތީ އަނަސް ސައީދާއި، 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައި ކައިވެނިކޮށްފަ އެވެ. އަދި އެއަށްފަހު އޭނާގެ ފިރިމީހާގެ ފަރާތުން ދީނީ އިލްމު އިތުރަށް އުނގެނި، ދީނާ ގާތްވަމުން އަންނަ ކަމަށް ސަނާ ވަނީ ބުނެފަ އެވެ.
މީގެ ކުރިން ބޮލީވުޑްގެ ބައެއް ލަވަތަކާއި ފިލްމުތައް ސަނާ ޚާން ކުޅެފައިވާއިރު، ކުއްލިގޮތަކަށް މުފްތީ އަނަސްއާއި ކައިވެނިކުރީ ފައިސާގެ ދަހިވެތިކަމުގައި ކަމަށް ބުނެ އާންމުންގެ ގިނަ ބަޔަކު ވަނީ ސަނާ ޚާންއަށް ފާޑުކިޔާފަ އެވެ.
އެހެންނަމަވެސް ސަނާ ބުނީ، އަނަސްއާ ކައިވެނިކުރުމަކީ ކުއްލި ގޮތަކަަށް ދިމާވި ކަމެއް ނޫންކަމަށެވެ. އަދި އަނަސްފަދަ ހެޔޮލަފާ އޯގާތެރި ފިރިޔަކު ލިބުމަށް ސަނާ އަބަދުވެސް ދުއާ ކުރި ކަމަށާއި، އޭނާގެ ދުއާ މާތްﷲ ގަބޫލު ކުރެއްވީ ކަމަށް ސަނާ ވަނީ ބުނެފަ އެވެ.