ބޮލީވުޑްގައި 2000ގެ ކުރީކޮޅު އެންމެ ވިދާލި އެއް ބަތަލެއްގެ ގޮތުގައި ޖޯން އަބްރަހަމް ހިމެނެ އެވެ. އޭނާއަކީ އޭނާގެ ރީތިކަމާއި މޮޅު އެކްޓިން އިން އެތަކެއް އަންހެނުންގެ ހިތް ދަމައިގެން ފިރިހެނެކެވެ.

ޖޯން ވަނީ ގިނަ ހިޓް ފިލްމުތަކެއް ކުޅެދީފަ އެވެ.

އޭނާ އާއި އެކު ބިޕާޝާ ބާސޫ ލޯބީގެ ގޮތުން ގުޅުނުއިރު، ބިޕާޝާ އާއި ޖޯންގެ ޖޯޑު ވެގެންދިޔައީ ބޮލީވުޑްގައި ގިނަ ބައެއްގެ ލޯތްބާއި މަގުބޫލުކަން ލިބުނު ޖޯޑަކަށެވެ. އެހެން ނަމަވެސް ދުވަސްތަކަކަށްފަހު އެދެ މީހުން ވަކިވުމުން ގިނަ ބަޔަކު އެކަމާއި ނުރުހުން ވެސް ފާޅުކޮށްފައިވެ އެވެ. އެހާ ވެސް އެދެމީހުންގެ ޖޯޑަށް މީހުންގެ ސަޕޯޓު ލިބުނެވެ.

މިކަމާ ގުޅިގެން އާންމުންގެ ތެރެއިން މީހަކު ވަނީ ބިޕާޝާއާ ގުޅިގެން ޖޯން ގާތު ސުވާލެއް ކޮށްފަ އެވެ. އެގޮތުން އެއްވެސް މީހެއްގެ ފުރަތަމަ ލޯތްބަކީ ހަނދާނުން ފޮހެލަން ދަތި ފަރާތަކަށް ވާނެކަމަށާއި، އަދިވެސް ޖޯންގެ ހަޔާތުގައި ބިޕާޝާގެ ހަނދާންތައް ވޭތޯ އޭނާ ވަނީ ސުވާލު ކޮށްފަ އެވެ.

މި ސުވާލަށް ރައްދުދެމުން ޖޯން ބުނީ ބިޕާޝާ އަކީ ޖޯންގެ ހަޔާތުގައި ވަރަށް މުހިންމު މީހެއް ކަމަށެވެ. ހަމައެހެންމެ ލޯތްބަކީ އަބަދު އޮންނާނެ އެއްޗަކަށް ނުވިނަމަވެސް ބިޕާޝާއަށް އަބަދުވެސް އިހުތިރާމު ކުރާނެ ކަމަށާއި، އިހުތިރާމަކީ ބިޕާޝާއަށް އޭނާގެ ފަރާތުން ދާއިމަށް ކުރާނެ އެއްޗެއް ކަމަށް ޖޯން ބުނެފައިވެ އެވެ.

ޖޯން އަބްރަހަމް ކައިވެނި ކުރީ، ޕްރިޔާ ރަންޗަލް ނަމަކަށް ކިޔާ އަންހެން ކުއްޖަކާ އެވެ. އަދި ބިޕާޝާ ކައިވެނި ކުރީ އިންޑިއާގެ އެކްޓަރެއް ކަމުގައިވާ ކަރަން ސިންގް ގްރޯވަރާ އެވެ.