"ކީކޭ ޝަރީފު ބުނީ؟" ބައްޕަގެ މޫނަށް ފިޒާލު ބަލައިލިއެވެ. ފިޒާލުގެ ދެ ބަފައިން ތިބީ، ތައުފީޤުގެ ގޭގެ އެޕާޓްމަންޓެއްގައި ކުއްޔަށް އުޅޭ މީހަކު ދެއްކި ވާހަކައަކާ ބެހޭގޮތުން މަޝްވަރާކުރުމުގައެވެ.

"ޝަރީފު ބުނީ ކުރީ ރޭ ދަންވަރު އަހުސަނުގެ އަންހެނުން ސިޑިމަތީގައި، ނިދާ ހެދުމުގައި ހުރެ މޮޔަގޮވައި ހަޅޭއްލެވި ވާހަކަ! ގޭގައި އުޅޭ އެތައް ބަޔަކަށް ހޭލެވިގެން ނިކުތް ވާހަކަ ވެސް ބުނި. އަހުސަނަށް އޭނާ މައްޗަށް އެރުވުނީ، އެތައް ވަރަކުންނޯ. އަހުސަނުގެ އަންހެނުންނަށް ކިހިނެއް ވެގެން އެ އުޅެނީ؟ އެއްވެސް ވަރަކަށް ދަރިފުޅަށް އެނގޭތަ؟" ވާހަކަ ނިންމާލަމުން ތައުފީޤު އަހައިލިއެވެ.

ފިޒާލަށް އެ ހުރިހައި ކަމެއް އޮތީ، އަހުސަނުގެ ފަރާތުން އެނގިފައެވެ. ބައްޕަ ގާތު އެ ވާހަކަ ދައްކަން ފިޒާލަށް ފަސޭހަ ނުވީމާ ނުބުނެހުރީއެވެ. އެހެންނަމަވެސް ބައްޕަ އެ ސުވާލު ކުރުމުން، އެ ވާހަކަ ބައްޕައާ ހިއްސާކުރިއެވެ.

“ތި ވަރުގެ ކަމެއް ހިނގައިގެން އުޅޭއިރު، ކީއްވެ ބައްޕަގާތު ކުރިން ނުބުނީ؟ އެހީއެއް ވެދެވޭނީ ވެސް އެނގުނީމަތާ! އަހުސަނުގެ އަންހެނުން ބަލިވެއުޅޭ ވާހަކަ ކުރީ ދުވަހު ދަރިފުޅު ބުނުމުން ވެސް، މި ކަހަލަ ކަމެއްކަމަކަށް ބައްޕަ ހަމަ އެއްގޮތަކަށް ވެސް ހިޔެއް ނުކުރަން.”

“އެކަމަކު އެ ކަހަލަ ކަމަކަށް ކިހިނެއް އެހީތެރިވާނީ ވެސް. އަހަރެން ވެސް ވަރަށް ބޮޑަށް ވިސްނައިފިން.”

“ބައްޕަގެ ވަރަށް ގާތް ރައްޓެއްސަކު ހުންނާނެ ކުޅުދުއްފުށީގަ. އޭނާއާ ވާހަކަ ދައްކާލައިގެން، މަގެއް ފެނޭތޯ ބެލިދާނެ!”

“މާލޭގައި ވެސް އުޅެއެއްނު ރުޤުޔާކުރާ މީހުން.”

“އާނ! އުޅޭނެ. އެކަމަކު ވިޔަފާރިއަށް ގޮސް ހުސްވެފަ ގިނަ މީހުން ތިބެނީ. ރަނގަޅު މީހެއް ގޯސް މީހެއް ދެނެގަންނާކަށް ވެސް އެހައި ފަސޭހައެއް ނޫން! ދަންނަ މީހަކަށް ވިއްޔާ އިތުބާރު އޮންނާނެތާ.”

“އެކަމަކު މި ދުވަސްވަރު، މީހުން މާލެއަށް އަންނާކަށް ބޭނުމެއް ވެސް ނުވާނެހެން ހީވަނީ.”

“އޭނައާ ވާހަކަ ދައްކާލައިގެން މީހަކު ހަމަޖެހިއްޖެއްޔާ، އެ ރަށަކަށް އެ ދެމަފިރިން ފޮނުވާނީ. އެ މީހުން ތިބޭނެ ތަނަކާއި ހުރިހައި ކަމެއް ބައްޕަ ހަމަޖައްސާނަން.” އަހުސަނުގެ ދެމަފިރިންނާމެދު ތައުފީޤުގެ ހިތް ވަނީ، ހަމްދަރުދީން ފުރިފައެވެ.

“މާލެއިން ރަށްރަށަށް ދިޔުމުގެ އުސޫލު އަނެއްކާ މިއަދު ހަރުކަށި ކޮށްފި.”

“އެހެންތަ؟ ކިހިނެއްވީޔޯ؟”

“ބަލި ފެތުރުމުގެ ހާލަތު، ކުރިއަށް އޮތް ދުވަސް ތަކުގައި އިތުރަށް ގޯސްވާނެ ކަމަށް ސިއްހީ މާހިރުން ލަފާ ދެއްވާތީ ކަމަށް ބުނީ.”

“ނަސީބުތާ ނިޒާރުބެއަށް ފުރުސަތު ލިބުނުކަން. ކޮބައިތަ އައި ބަދަލަކީ؟”

“އޭޕްރިލް 1 ގެ ފަހުން މާލެއަށް އައި މީހުންނަށާއި އެއަށް ވުރެ ކުރިން އައި ފަރާތްތަކުގެ ތެރެއިން ވެސް، ސިއްހީ ފަރުވާއެއް ހޯދުން ފަދަ އަސާސީ ކަންކަމަށް އައި މީހުންނަށޯ ދެވޭނީ. ދެން ދެވޭނީ ރިސޯޓްތަކުން ރަށަށް ދާން، މާލެ އައި މީހުންނަށާއި މާލެ ލޮކްޑައުން ކުރުމުގެ ދެތިން ހަތަރު ދުވަސް ކުރިން މާލެ އައި ފަރާތްތަކަށޯ.”

“އެކަމަކު މި ވެސް ކުޑަ ކަމެއް ނޫނެއްނު! ކޮންމެވެސް ގޮތެއް ފަހިވާނެ! ބައްޕަ ބަލާނަން އޭނާއާ ގުޅައިގެން ރަނގަޅު މީހަކު އަތުޖެހޭތޯ. ދަރިފުޅު އަހުސަނަށް ގުޅާފަ ބުނޭ ބައްޕަ އެބަ އުޅެއޭ ތިކަމާ. އަންހެނުން ރަނގަޅަށް ބަލަހައްޓާށޭ. ކުރީ ރޭ ދިމާވި ކަހަލަ ކަމެއް ދެން ދިމާވިޔަ ނުދެއްޗޭ!”

އެ ދުވަހު އަހުސަނަށް ފިޒާލު ގުޅިއެވެ. ބައްޕަގެ ޚިޔާލު ހުރިގޮތް ހިއްސާކުރުމުން، އަހުސަނަށް ލިބުނީ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އޭނާއާއެކު ފިޒާލުގެ އާއިލާ ތިބިކަން އެނގުމުންނެވެ. ނަބީލާއަށް ފަރުވާކުރުމަށް ޓަކައި، ކޮންމެ ފަދަ ޤުރުބާނީއެއް ވާން ޖެހުނަސް، އޭނާ ހުރީ އެ ކަމަށް ތައްޔާރަށެވެ. ކޮންމެ ރަށަކަށް ދާން ޖެހުނަސް އޭނާ ހުރީ ދާގޮތަށެވެ.

ޖެހިގެން އައި ދުވަހުގެ ހެނދުނުގެ ވަގުތެވެ. ފަޒުލާއަށް ހޭލެވުނީ މަންމަ އައިސް ގޮވާ އަޑަށެވެ. އޭނާ ތެދުވެ ގަޑިއަށް ބަލައިލިއެވެ. އޭރު އަދި ހެނދުނު އަށެއް ވެސް ނުޖަހައެވެ. ފަޒުލާ ލޯ އުނގުޅަމުން ގޮސް ދޮރު ހުޅުވިއެވެ.

“ވަރަށް ބޮޑު ވާހަކައެއް ބުނާށޭ މި އައީ.” މަދީހާ ކޮޓަރިއަށް ވަނެވެ. “ކުރީ ދުވަހު ޕޮޒިޓިވްވި ޕޮލިސްމީހާ އުޅޭ އެޕާޓްމަންޓުން އަންހެން ކުއްޖަކު ޕޮޒިޓިވްވެގެން ގެންގޮއްސިޔޯ.”

“ދެން…؟” ނިދި މޫނާއެކު މަންމަގެ މޫނަށް ފަޒުލާއަށް ބަލައިލެވުނެވެ. ސުވާލުގެ ނަޒަރަކުންނެވެ.

“އެ ކުއްޖާއަށް ކިޔަނީ ނަދާއެކޯ.”

މަންމަ ބުނި އެއްޗަކުން ފަޒުލާގެ ނިދިފިލައިފިއެވެ.

“މަންމަގެ ހިތަށް މި އަރަނީ ދޮންބެ އެ ބުނާ ނަދާއަކީ އަނެއްކާ އެއީ ބާވައޭ؟ އަޅެ ދަރިފުޅު ގޮސް ދޮންބެގާތު އަހާލަންވީނު!”

“ދޮންބެ ހޭލައިފިތަ؟”

“ނޭނގެ! ދަރިފުޅު ގޮސް ޓަކިޖަހާލަބަލަ! ދޮންބެގެ ކަންތަކާ މަންމައަށް މިހާރު މާ ބޮޑަށް ވިސްނެނީ. ބައްޕައަށް ވެސް މިހާރު އެއްޗެއް ހީވެއްޖެ.”

“ފާޚާނާއަށް ވަދެލައިފައި ދާނަން!” ފާޚާނާއާ ދިމާއަށް ފަޒުލާ ހިނގައިގަތެވެ.

ފަޒުލާ ފާޚާނާއަށް ވަދެ ދަތް އުނގުޅައި މޫނުދޮވެ ހަދާލައިގެން ނުކުތްއިރު، މަދީހާއެއް ނެތެވެ. ތުވާލި ނަގައި މޫނު ފޮހެމުން އައިސް، އެނދުގައި ޖައްސާލީ ފިކުރެއްގައި ހުރެއެވެ. އޭނާގެ ސިކުނޑީގައި އެނބުރެމުން ދަނީ މަދީހާ ދެއްކި ވާހަކަތަކެވެ. ދޮންބެގެ ހިތަށް ވެރިވެގެން އުޅޭ ނަދާއަކީ، އަނެއްކާ އެއީ ބާވައެވެ؟ އެއީ އެ ނަދާ ކަމަށް ވެއްޖިއްޔާ، ނަދާ ފައްސިވި ޚަބަރު ދޮންބެއަށް ވާނީ ވަރަށް ހިތްދަތި ޚަބަރަކަށެވެ. އެ ވާހަކަ ބުނުމުން ދޮންބެގެ ހިތުގައި ވަރަށް ބޮޑު މާޔޫސްކަމެއް އުފެދޭނެއެވެ. ވަރަށް ބޮޑު ހިތާމައެއް ލިބޭނެއެވެ.

ފަޒުލާ ވިސްނަމުން ގެންދިޔައީ، ދޮންބެއާ ވާހަކަ ދައްކާނެ ގޮތަކާމެދުގައެވެ. ވާހަކަ ފަށާނެ ގޮތަކާއި ކުރިއަށް ގެންދާނެ ގޮތަކާމެދުގައެވެ. އިރުކޮޅަކު ވިސްނާން އިނދެފައި އޭނާ ފޯނު ނެގިއެވެ. ނޫސްތައް ހާވާލިއެވެ. ޚަބަރުތަކުގެ ސުރުޚީތައް ބަލައިލިއެވެ. ބައެއް ޚަބަރުތަކަށް މަތިމަތިން ކަޅި ހިންގައިލިއެވެ. އެއަށްފަހު ފޯނު ބާއްވާފައި ތެދުވީ، ދޮންބެގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތުމަށެވެ.

ފަޒުލާ ގޮސް ޓަކި ޖަހައިލިއެވެ. ދެ ފަހަރަކު ޖަހައިލުމުން ވެސް ޚަބަރެއް ނުވިއެވެ. ދޮންބެ އަދި ނުހޭލަނީކަން ފަޒުލާއަށް ކަށަވަރުވިއެވެ. އެހެންކަމުން ތިންވަނަ ފަހަރު ވެސް ޓަކި ޖަހައިލިއެވެ. މާ ގިނަ އިރެއްނުވެ، ދޮރު ހުޅުވައިފިއެވެ. ފަޒުލާ ހީކުރީ ދޮންބެ ހުންނާނީ ނިދިމޫނާ ކަމަށެވެ. ދޮރު ހުޅުވާނީ ލޯ އުނގުޅަމުން އުނގުޅަމުން އައިސް ކަމަށެވެ. އެހެންނަމަވެސް ފެނުނީ ތަފާތު މަންޒަރެކެވެ. ދޮންބެ ހުރީ ފެންވަރާ ރީތިވެލައިގެންނެވެ.

“ދޮރު ނުހުޅުވީމަ މަ ހީކުރީ، ދޮންބެ ނިދާފަ އޮތީކަމަށް.” ފަޒުލާ ކޮޓަރިއަށް ވަނެވެ.

“ބެލްކަނީގަ ހުރީމާ އަޑު ނީވުނީ.” ފިޒާލު ގޮސް އެނދު ކައިރީގައި އޮތް ބީންބޭގަށް ވެއްޓިގަތެވެ.

ފަޒުލާއަށް ބަލައިލެވުނީ ފިޒާލުގެ ކުލަ އޮއްސިފައިވާ މޫނަށެވެ. ދިރުމެއް ނެތް ދެ ލޮލަށެވެ. އޭނާއަށް ވިސްނައިލެވުނީ، ފިޒާލު ދެންމެ ބުނި ޖުމުލައާމެދުގައެވެ. މިހާރަކަށް އައިސް ވަރަށް ގިނައިން ބެލްކަންޏަށް ނުކުމެ އޭނާ ހުރެއެވެ. އެ ބެލްކަންޏަކީ ނަދާމެންގެ އެޕާޓުމަންޓާ ހަމަ ސީދާ ދިމާވާގޮތަށް ހުންނަ ބެލްކަންޏެކެވެ. އަނެއްކާ އެ ނުކުންނަ ނިކުތުމުގެސިއްރަކީ ނަދާ ބާވައެވެ؟

“ކޮން ފިކުރެއް ތި ކުރަނީ؟”

ފިޒާލުގެ ޖުމުލަ އިވިފައި ފަޒުލާއަށް އަވަސް އަވަހަށް އެސްފިޔަ ޖަހައިލެވުނެވެ. ހިނިތުންވެލީ ދޮންބެއަށް ވަންހަނާކުރުމުގެ ބޭނުމުގައެވެ.

“ހިތަށް އެރީ ކޮވިޑް ކަންތައް ހައްތާ ގޯސްވަމުންނޭ މި ދަނީ.” މައުޟޫޢަށް ނުވަދެ ތަންކޮޅެއް ދުރުން ފަޒުލާ ވާހަކަ ފެށިއެވެ. އެއީ އޭނާ ވިސްނާފައި އޮތް ގޮތެވެ.

“ކީއްވެ ތިހެން ތި ބުނީ؟”

“މިހާރު އޭޑީކޭގެ 12 މުވައްޒަފަކު ވެސް ފައްސިވެއްޖެ.”

“ފައްސިވީއޭ؟ ހާދަ ދިވެހިކޮށްލާފަ ތި ބުނީ.” ފިޒާލުގާތަށް ކުޑަކޮށް ހިނިއައެވެ.

“ކުރީ ދުވަހަކު ކުލާސް ކުއްޖަކު ބުނި ބަހެއް އެއީ. ދޮންބެއަށް އެނގޭތަ ފައްސި އެއީ ކޯއްޗެއްކަން؟”

“ބަހެއް ނޫން! ލަފުޒެއް! ފައްސި، ނައްސި، ބިރާސް، އެއްތާވި މީހުން، ފުރަބަންދު، އާލަމީ ވަބާ، އިޖުތިމާޢީ ގައިދުރުމިން، މި ކަހަލަ ވަރަށް ގިނަ އާ ލަފުޒުތައް މިހާރު ދަސްވެއްޖެ.”

ދޮންބެ ހާދަ މޮޅޭ. މަށަށް ވެސް މިހާރު ތި ހުރިހައި ލަފުޒެއް އެނގޭ” ފަޒުލާ ހިތަށް ވެސް ނާރާހައި ގިނަ ލަފުޒު ފިޒާލު ކިޔައިފިއެވެ.

“ދެންމެ ކޮއްކޮ ތި ބުނި ޚަބަރަކީ މިހާރު ބާ ޚަބަރެކޭ. އޭޑީކޭ މުވައްޒަފުން ފައްސިވީ އިއްޔެ.”

“އެހެންތަ؟ މަށަށް މިއަދު އެނގުނީ.”

“ފައްސި ވާ މީހުން ހަމަ އިތުރުވަނީ. އިއްޔެ ވެސް 35 މީހުން. އައިޖީއެމްއެޗަށް ވަގުތީ ނަރުހުން ހޯދަން ވެސް އިއުލާންކޮށްގެން މިހާރު އުޅެނީ.”

“މިހާރު ތިބި ނަރުހުންނަށް ވާވަރަށް ވުރެ ބަލި މީހުން ގިނަވީތާ ދޯ! އަނެއްކޮޅުން ރާއްޖޭގައި ރިކަވަރީ ރޭޓު ލަސްކަމަށް ޑޮކްޓަރުން އެބަ ބުނޭ!”

“ތީ އަދި ނޭނގޭކަމެއް.”

“އެބަ އޮތް ނޫހުގަ.”

“އެކަމަކު ކީއްވެބާ ތިހެން ވާންވީ؟”

“އޭގެ މާ ބޮޑު ތަފުސީލެއް ނެތް. ބައެއް ގައުމުތަކުގައި ރިކަވަރީ ރޭޓު 30 ފަސެންޓުގައި އުޅޭއިރު، ރާއްޖޭގައި އުޅެނީ 3.5 ފަސެންޓުގަޔޯ. އެހެންވީމަ ވަރަށް ދަށެއްނު.”

“އެކަމަކު ވެސް ނިއު ނޯމަލްއަކަށް ދާށޯ މިހާރު އުޅެނީ.” ފިޒާލު ބެލްކަންޏާ ދިމާއަށް ބަލައިލިއެވެ.

“ނޯ! އާ އާންމު ހާލަތު” ފަޒުލާ ހިނިއައިސްފައި އިނދެ ދިވެހިކޮށްލިއެވެ.

ފަޒުލާ އެހެން ބުނެލިގޮތުން ފިޒާލު ގާތަށް ހިނިއައެވެ. އެ މަންޒަރު ފެނިފައި ފަޒުލާގެ ހިތަށް ފިނިކަން ލިބުނެވެ. އެއީ ފަޒުލާ ނުހަނު ދެކެން ބޭނުންވާ، އެހެންނަމަވެސް މިހާރަކަސް އައިސް ދޮންބެގެ ފުށުން ވަރަށް ނުފެންނަ މަންޒަކަށް ވާތީއެވެ.

“ދޮންބެ އަބަދު ތިހެން ހިނިއައިސްފަ އިންނާނެ ނަމައޭ ހިތަށް އަރާ.”

“އޭރުން ހީވާނީ މޮޔައެއް ހެނެއްނު! އެހެންނޫނަސް މުޅި ގައުމަށް ބޮޑު ބައްޔެއް ފެތުރެމުންދާއިރު ކިހިނެއް ހިނިއައިސްފަ އިންނާނީ؟”

“އާނ! ދޯ! ދޮންބެއަށް އެނގޭތަ؟ މިހާރު މި ހިސާބަށް ވެސް ބަލި އަތުވެއްޖެއޭ.” ގިރާ ނުކުރެވިގެން އުޅުނު އޮޅިގަނޑު، ލިބުނު ފުރުސަތުގައި ފަޒުލާ ގިރާކޮށް މައުޟޫޢުގެ ތެރެއަށް ދެމިގަތެވެ.

“މި ހިސާބަށޭ؟ ތި ބުނީ؟” ސުވާލުގެ ނަޒަރަކުން، ފަޒުލާގެ މޫނަށް ފިޒާލު ބަލައިލިއެވެ.

“ދޮންބެއަކަށް ނޭނގޭތަ؟” ފަޒުލާ އިނީ ފިޒާލުގެ މޫނަށް ކަޅި ހުއްޓާލައިގެންނެވެ. މިހާރު އޭނާ ބުނަން އެ އުޅޭ ޖުމުލަ ބުނުމުން ފިޒާލަށް އަންނަ ބަދަލު ރަނގަޅަށް އޮބްޒާވްކުރާށެވެ. “ކުރިމަތީގައި މިހިރަ އެޕާޓުމަންޓުން ބަޔަކު ފައްސި ވެއްޖެ.”

“ކީކޭ؟” ފިޒާލު ތެޅެގެންފައި އެ އެ ޕާޓުމަންޓާ ދިމާއަށް ބަލައިލިއެވެ. “މިހިރަ އެޕާޓުމަންޓު؟” ފިޒާލަށް ޔަޤީންނުވެގެން އަހައިލި ކަހަލައެވެ.

“އާނ!”

“ކާކު ބުނީ؟ ތި ނުވާނެ ތެދަކަށް.” ފިޒާލަށް ފުންމައިގެން ތެދުވެވުނެވެ.

“ހަމަ ތެދެއް ދޮންބޭ! އެތާނގައި އުޅޭ ޕޮލިސް މީހަކާ، އަންހެންކުއްޖަކާ ފައްސިވެގެން ގެންގޮއްސިޔޯ.”

“ކޮން ނަމެއް ކިޔާ އަންހެން ކުއްޖެއް؟” ފިޒާލުގެ މޫނުމަތިން ފެނުނީ ކަންބޮޑުވުމުގެ އިންތިހާއެވެ.

“ނޭނގެ!” ނަން ބުނަން ފަޒުލާއަށް ނުކެރުނީ، ދޮންބެއަށް ވީ ގޮތުންނެވެ. ނަން ބުނެފި ނަމަ ދެން ވާނެގޮތެއް ލަފާކޮށްލަން ވެސް ނޭނގުނީމައެވެ. އެހެންނަމަވެސް ދޮންބެގެ ނަދާއަކީ، އެއީކަން މިހާރު ފަޒުލާއަށް ޝައްކެއްނެތް މިންވަރަށް ކަށަވަރުވެއްޖެއެވެ.

“ދަރިފުޅަށް ތިހައި ބޮޑަށް ކަށަވަރުވީ ކީއްވެ؟” މަދީހާ ފަޒުލާގެ ގާތު އެހިއެވެ.

“ދޮންބެއަށް ވީ ގޮތުން. ހަމަ ޔަޤީން އެއީ އެ ނަދާކަން.”

“ނަދާއާ ރައްޓެހިވެގެން ބާ ދޮންބެ އުޅެނީ؟”

“”ނޭނގެ! މަށަށް ހީވަނީ އަހުސަނަށް އެނގޭނެހެން.”

“އެހެން ވެއްޖިއްޔާ ހާދަ ރަނގަޅޭ! ބައްޕަ ވެސް ހާދަ އުފާވާނޭ! އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ނަދާ އެ ކަމުން ސަލާމަތްވެގެން އެނބުރި އަންނާނެ! މަންމަ ދުޢާކުރާނަން!” ފިޒާލު ކުއްޖަކާ ރައްޓެހިނުވާތީ، ކައިވެންޏެއްކުރަން ނޫޅޭތީ، އެ ދެމަފިރިން ތިބެނީ ވަރަށް ބޮޑަށް ވެސް ކަންބޮޑުވެފައެވެ. “ދަރިފުޅު އަހުސަނަށް ގުޅާފަ އަހައިލަންވީނު.”

“މަށަކަށް ލާހިކެއް ނޫން!” ބިޝާރާ އަވަސް އަވަހަށް ބުންޏެވެ. “ފަޒޫއަށް ނުކެރެންޏާ ދެން އަޅައިނުލާނީ.”

“ބިޝާ! ޕްލީޒް! ރުޅި ނާންނައްޗޭ!” ބިޝާ އެ ވަރަށް އެދެމުން ދިޔަ އެދުމެއް ބޮލައިލައި ޖެހުނީތީ ފަޒުލާ ހުރީ ވަރަށް ކަންބޮޑުވެފައެވެ.

“ސާބަހޭ! މަރުޅިއެއް ނޫނޭ! ބޭނުންވާ ކަމެއް ހާސިލުނުވާ ކޮންމެ ފަހަރަކު މީހަކާ ރުޅިވާން ވެއްޖިއްޔާ، ދުވަސްކޮޅަކުން އަނގައިން ބުނެލާނެ މީހަކު ވެސް ނުހުންނާނެއެއްނު!”

“ވަރަށް ދެރަވޭ ބިޝާ އެހައި ބޭނުންވިކަމެއް ކޮށްނުދެވުނީމަ.”

“ދެން ދެރަ ނުވޭ! ފޮތުގައި ލިޔެވިފައި އޮތިއްޔާ، ކޮންމެވެސް ދުވަހަކުން ވާނެ! އެހެންނޫނީ އެއަށްވުރެ ރަނގަޅު އެހެން ގޮތެއް އަދި އޮތީ.” ބިޝާރާ ކިތަންމެ ފޮރުވަން އުޅުނަސް، އޭނާގެ އަޑު އޭނާގެ ހާލަތު ބުނެދެމެން ގެންދެއެވެ. ފަޒުލާއަށް އެ ކަން ސިއްރެއް ނުވެއެވެ.

“ކުރީ ދުވަހު އެއްކަލަ ނަޝާތު ގުޅިއޭ.” ހަމަ ގަސްތުގައި މައުޟޫޢު ބަދަލުކޮށްލުމަށް ޓަކައި ފަޒުލާ އެހެން ވާހަކައެއް ފެށިއެވެ.

“ނަޝާތޭ ބުނީމަ މި ހަނދާންވީ. ދިވެހިބަހުގެ އެކެޑަމީން އެބަ އުޅޭ އޮންލައިލް ކޯސްތަކެއް ފަށަށް.”

“އޮންލައިން ކޯސްތަކެކޭ. ކޮން ކަހަލަ ކޯސްތަކެއް.؟”

“ޅެން ހަދަން ދަސްކޮށްދޭ ކޯހާއި ވާހަކަ ލިޔަން ދަސްކޮށްދޭ ކޯހާއި ވާހަކަ ދައްކަން ދަސްކޮށްދޭ ކޯހާއި މި ކަހަލަ ކޯސްތަކެއް. އުޅޭ ބައިވެރިވާން!” މިއީ ކުރިން ބިޝާރާ ކުރާން ވިސްނިކަމެއް ނޫނެވެ. ހަމަ ކުއްލިއަކަށް ދެންމެ އައި ޚިޔާލެކެވެ.

“ކޮން އިރަކު ފަށަނީ؟”

“ޅެން ކޯސް މި މަހު 18 ގައި. ވާހަކަ ދެއްކުމުގެ ކޯސް 20 ގައި. ވާހަކަ ލިޔުމުގެ ކޯސް 25 ގައި. އޮފީސް ދިވެހި ކިޔާ ކޯހެއް ވެސް އޮތް.”

“ކޮން ކޯހެއްގަ ބިޝާ ބައިވެރިވާނީ؟”

“ފަޒޫ ބައިވެރިވާ އެއްޗެއްގަ ބައިވެރިވާނީ. އޯކޭ ކޮންމެ ކޯހެއް ވެސް.” ބިޝާރާ ބޭނުންވަނީ މި ދުވަސްވަރު ކަމެއްގައި ބުރަވެލާށެވެ! ކަމެއް ނެތި ގޭގައި އިންނާންވެއްޖިއްޔާ މާޔޫސްކަން ވާނީ ހައްތާ ބޮޑެވެ. އޭނާ ކިތަންމެ ފޮރުވަން އުޅުނަސް، ޙަޤީޤަތަކީ އޭނާގެ ހިތް އެބަ މިހާރު ރޮއެވެ. އުއްމީދުގެ ސަވާރީގައި މިހައިހިސާބަށް ދަތުރުކުރެވުނުތަނާ ސަވާރީ ފުނޑުފުނޑުވީއެވެ. މަންޒިލް ގެއްލި މަގުމަތިވީއެވެ. އެހެންނަމަވެސް އާވާރާއެއް ފަދައިން ފިނިނޭވާތަކެއް ލައިލައި އޮންނާކަށް އޭނާ ބޭނުމެއް ނުވެއެވެ.

ނުނިމޭ