ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި ވައިގަދަވެ އަދި ކަނޑުތައްވެސް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރުމާ ގުޅިގެން ކަނޑުދަތުރުތައް ކުރާއިރު ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

ފުލުހުން އާންމު ކުރި ބަޔާނެއްގައި ބުނީ، ކަނޑު ދަތުރު ފަތުރު ކުރުމުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާ އަދި ކަނޑުދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އަަމަލުކުރުމަށް އިލްތިމާސް ކުރާކަމަށެވެ.

އެގޮތުން، ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އެ އުޅަނދަކަށް އެކަށީގެންވާ ވަރަށްވުރެ އިތުރަށް މީހުންނާއި މުދާ ނޭރުވުމަށް ފުލުހުން ނަސޭހަތްތެރިވެފައިވެ އެވެ.

އޭގެ އިތުރުން އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމައްޓަކައި އުޅަނދުގައި ފުރިހަމަވެފައި ހުންނަންޖެހޭ މުވާސަލާތީ ވަސީލަތްތަކާއި ލައިފް ޖެކެޓު ހަމައަށް ހުރިތޯއާއި އެ ތަކެތި ހުރީ ބޭނުންކުރެވޭފަދަ ހާލަތުގައިތޯ ޔަގީންކުރުމަށްވެސް ފުލުހުން ވަނީ ނަސޭހަތްތެރިވެފަ އެވެ.

ފުލުހުން އިތުރަށް ބުނީ، ދަތުރަކަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދައި، ކަނޑުގަދަ ނަމަ ދަތުރު ކުރުމަށް ވުރެ ނުކުރުން އިސްކުރަން ނަސޭހަތްތެރިވާކަމަށެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޮސްވެފައިވާއިރު، މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ އަތޮޅުތެރޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ހުރު ސަމާލު ނެރެފަ އެވެ. އެގޮތުން މިރޭގެ 9:30 އާ ހަމައަށް މެޓުން އެސަރަހައްދުތަކަށް ހުދު ސަމާލު ނެރެފައިވެ އެވެ.