ޖަކާޓާ ( 6 ޑިސެމްބަރު) - ކޮވިޑް ޕެންޑަމިކްގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ފޯރުކޮށްދިން ކޮއްތު ޕެކޭޖްތަކުން އިންޑޮނޭޝިއާގެ ސޯޝަލް އެފެއާޒް މިނިސްޓަރު ވައްކަންކުރި ކަމަށް ތުހުމަތު ކުރުމާއެކު އެންޓިކޮރަޕްޝަން އޮތޯރިޓީއާއި އަމިއްލައަށް ހަވާލުވެއްޖެ އެވެ.

ސޯޝަލް އެފެއާޒް މިނިސްޓަރު ޖުލިއަރި ބަޓުބަރާ އެ ގައުމުގެ އެންޓި ކޮރަޕްޝަން އޮތޯރިޓީއަށް ހާޒިރުވީ އެ އޮތޯރިޓީއިން ހިންގި ތަހުގީގުން ކޮވިޑް ތެރޭގައި ކޮރަޕްޝަން އަމަލު ހިންގަވައި، 17 ބިލިއަން ރުޕިއާ (1.2 މިލިއަން ޑޮލަރު) ހޯއްދެވިކަމަށް ފާހަގަކުރެވިގެން އެކަން އިއުލާން ކުރުމާއެކު އެވެ.

އެންޓިކޮރަޕްޝަން އޮތޯރިޓީގެ ޗެއަމަން ފާލި ބަހުރި ވިދާޅުވިގޮތުގައި މިނިސްޓަރު މިކަން ކޮށްފައިވަނީ ކޮވިޑް ޕެންޑަމިކްގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ފޯރުކޮށްދިން ކޮއްތު ޕެކޭޖްތަކުން، ކޮންމެ ޕެކޭޖްއަކުން 0.7 ޑޮލަރު އޭނާއަށް ލިބޭ ގޮތަށް ދެ ކުންފުންޏެއް މެދުވެރިކޮށްކަމާއި އަދި މިކަން ކޮށްފައިވަނީ އޭނާގެ ދަށުން މަސައްކަތްކުރާ އިތުރު ދެ މީހުންނާ ވެސް ގުޅިގެން ކަމަށެވެ.

ބަހުރި ވިދާޅުވިގޮތުގައި މިމައްސަލަ ސާބިތުވެއްޖެނަމަ ރައްޔަތުންގެ ފައިސާއިން ވައްކަންކުރި ކަމުގެ ކުށުގައި މިނިސްޓަރަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށެވެ.

ކޮވިޑް ތެރޭގައި ބެހި ކޮއްތު ޕެކޭޖުން ވައްކަންކުރި އިންޑޮނޭޝިއާގެ މިނިސްޓަރު ހައްޔަރުކޮށްގެން ގެންދަނީ.

ސޯސަލް އެފެއާޒް މިނިސްޓަރަކީ މިގޮތަށް ކޮރަޕްޝަން މައްސަލައެއްގައި ހައްޔަރުކުރެވުނު ދެވަނަ މިނިސްޓަރެވެ. މީގެ ކުރިން މެރިޓައިމް އެފެއާޒް އެންޑް ޝިފިން މިނިސްޓަރު ވެސް ވަނީ ކުދި އިހި އެކްސްޕޯޓް ކުރުމުގައި ރިޝްވަތު ފައިސާނަގައި އަދި އެ ފައިސާއިން އެމެރިކާއަށް ވިޔަފާރި ދަތުރެއްގައި ދިޔަކަން ފަޅާއަރައި ހައްޔަރުކޮށްފަ އެވެ.

ކޮރަޕްޝަންގެ މޫތައް ސަރުކާރުގެ ތެރެއިން ލުހެލައި، ކޮރަޕްޝަނުން ސަރުކާރު ސަލާމަތްކުރުމަށް ވައުދުވެ ފެއްޓެވި ވެރިކަމުގައި ނަތީޖާ ހާސިލްނުވެ، ކޮރަޕްޝަންގެ މައްސަލަތައް އިންތިހާއަށް ބޮޑުވުމާއި ގުޅިގެން އިންޑޮނޭޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯގެ ސަރުކާރަށް ވަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފަ އެވެ.

ޓްރާންފޭރެންސީ އިންޓަނޭޝަނަލް އިން 2019 ވަނަ އަހަރު ނެރުނު ކޮރަޕްޝަން ރިޕޯޓްގައި އިންޑޮނޭޝިއާ ހިމެނިފައިވަނީ 85 ވަނައިގަ އެވެ.

އިންޑޮނޭޝިއާއިން ކޮވިޑްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު އުޅެނީ 570،000 ގަ އެވެ. އަދި މި ރޯގާޖެހިގެން 17،000 މީހުންވަނީ މަރުވެފަ އެވެ. އިންޑޮނޭޝިއާ އަކީ ސައުތު އީސްޓް އޭޝިއާގެ އެންމެ ގިނަ މީހުން ޕޮޒިޓިވްވި ގައުމެވެ. އަދި އޭޝިއާގައި ދެވަނައަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ގައުމެވެ. -- އެސޯސިއޭޓެޑް ޕްރެސް