އިންޑިއާގެ ކުރިކެޓް ޓީމުގެ މޮޅު ކުޅުންތެރިޔާ ވިރާޓް ކޯލީގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުގައި އޭނާގެ ރޯލު ކުޅުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް މަޝްހޫރު ތެލޫގޫ އެކްޓަރު ވިޖޭ ދެވަރަކޮންޑާ ބުނެފި އެވެ.

"ލައިގާ" ބޮލީވުޑަށް ތައާރަފްވެފައިވާ ވިޖޭ މިހާރު ހުރީ ދުބާއީގައި ކުރިއަށްދާ އޭޝިއާ ކަޕްގެ އިންޑިއާ އާއި ޕާކިސްތާން ބަދަލުކުރާ ކުރިކެޓް މެޗު ބަލާލުމަށް ގޮސްފަ އެވެ. މިމެޗުގެ ފެށުމުގެ ކުރިން މީޑިއާއިން ވަނީ ވިޖޭ އެންމެ ބޭނުންވަނީ ކޮން އިންޑިއާގެ ކުރިކެޓް ކުޅުންތެރިއެއްގެ ބަޔޯފިކެއް ކުޅެން ތޯ އަހާފަ އެވެ. ސުވާލަށް ޖަވާބު ދެމުން ވިޖޭ ބުނީ އޭނާ އެންމެ ބޭނުންވަނީ ވިރާޓް ކޯލީގެ ބަޔޯފިކްގައި މަސައްކަތް ކުރަން ކަމަށެވެ.

މެޗާއި ބެހޭގޮތުން ވާހަކަ ދައްކަމުން ވިޖޭ ބުނެފައިވަނީ އޭނާ އެންމެ އުއްމީދު ކުރަނީ އެ މެޗުގައި ވިރާޓް މަދުވެގެން 50 ރަންސް ހަމަކުރާނެ ކަމަށާއި މި މެޗުން އިންޑިއާ މޮޅު ވާނެ ކަމަށެވެ.

''ސުޝާންތު ސިންގް ރާޖުޕޫތު ވަނީ އެމްއެސް ދޯނީގެ ބަޔޯޕިކް ކުޅެފަ. އަހަރެން އެންމެ ޝައުގުވެރިވަނީ ވިރާޓްގެ ބަޔޯޕިކް ކުޅުމަށް'' ވިޖޭ ބުންޏެވެ.

ވިޖޭ ވަނީ ކާމިޔާބު އެތައް ތަމަޅަ ފިލުމެއް ކުޅެފައެވެ. އޭގެތެރޭގައި ''އަރުޖުން ރެޑީ'' އާއި ''ޑިއާ ކޮމްރާޑް'' ފަދަ ފިލުމުތައް ހިމެނެ އެވެ.