ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް ގާއިމުވެ ހުންނަ ފަނޑިޔާރަކު ހުންނަން ޖެހޭ ގޮތަށް ބަދަލުކުރުމަށްޓަކައި، ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު އެވެ.
މިހާރު އަމަލުކުރަމުންދާ ކޯޓުތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ގާއިމުވެ ހުންނަ ފަނޑިޔާރަކު ހުންނަން ޖެހެނީ މެޖިސްޓްރޭޓް ކޯޓުތައް ގާއިމުކޮށްފައިވާ ރަށްރަށުގެ ތެރެއިން އާބާދީގައި 500 މީހުން ހަމަވާ ރަށްރަށުގަ އެވެ. ނަމަވެސް، މަޖިލީހަށް ހުށަހެޅި މި ބިލުގައި ހިމަނާފައިވަނީ މެޖިސްޓްރޭޓް ކޯޓެއް ހުންނަ ކޮންމެ ރަށެއްގައި، އެ ރަށެއްގައި ގާއިމުވެ ހުންނަ ފަނޑިޔާރަކު އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގައި ހުންނަންވާނެ ކަމަށެވެ.
ބިލުގައިވާ ގޮތުން، މެޖިސްޓްރޭޓް ކޯޓުތަކުގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި ހުންނަވާނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކަނޑައަޅާ އިސް މެޖިސްޓްރޭޓެކެވެ. އިސް މެޖިސްޓްރޭޓަކީ އެ ކޯޓުތަކުގެ އިދާރީ ހިންގުމުގެ ވެސް އެންމެ އިސްވެރިޔާއެވެ. މީގެ އިތުރުން ކޯޓުގެ އިދާރީ ކަންކަން ހިންގުމަށްޓަކައި ކޯޓު އެޑްމިނިސްޓްރޭޓަރެއް ހުންނަންވާނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.
މި އިސްލާހުގެ ދަށުން، ޖުޑީޝަލް ދާއިރާގައި ހިމެނޭ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ބަލައިގަތުމާ މެދު ގޮތެއް ނިންމާނީ ކޮންމެ ދާއިރާއަކަށް ކަނޑައަޅާފައި ހުންނަ ރަޖިސްޓްރާއެވެ. ރަޖިސްޓްރާއަކީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އައްޔަނުކުރާ މަގާމެކެވެ. މި ބިލުގައި ރަޖިސްޓްރާ އަދި އެސިސްޓެންޓް ރަޖިސްޓްރާގެ މަސްއޫލިއްޔަތުތައް ވެސް ވަނީ ތަފްސީލުކޮށްދީފަ އެވެ.
މީގެ އިތުރުން، ރަޖިސްޓްރާ ބަލައިނުގަތުމަށް ނިންމާ މައްސަލަތަކުގެ ނިންމުން ބަދަލުކުރުމަށް އެދި ހުށަހެޅުމަށް ބިލުގައި 14 ދުވަހުގެ މުއްދަތެއް ދީފައިވެ އެވެ.
އެމްއެމްއޭ ފިންލިޓް ފެސްޓް ހއ. ދަތުރު ނިންމާލައިފި
އެވެންޖާސް، އެކްސް-މެން އަދި ފެންޓާސްޓިކް ފޯ އެކުގައި!
