ޓައިޕޭ (01 ސެޕްޓެމްބަރު) ޗައިނާއިން ޓައިވާނުގެ ވައިގެ ސަރަހައްދަށް ނުވަތަ ކަނޑުގެ ސަރަހައްދަށް ވަންނަން މަސައްކަތް ކޮށްފި ނަމަ އެކަމުގެ ރައްދު ދޭނެ ކަމަށް ޓައިވާނުން ބުނެފި އެވެ.
ޓައިވާނުގެ ވައިގެ ސަރަހައްދުގައި ޗައިނާއިން ހިންގަމުން އަންނަ އަސްކަރީ ޑްރިލްތަކާ ގުޅިގެން ޓައިވާނުން ބުނެފައި ވަނީ ޗައިނާއިން އެގައުމުގެ ވައިގެ އަދި ކަނޑުގެ ސަރަހައްދަށް ފައިޓަ ޖެޓުތައް ނުވަތަ އަސްކަރީ މަނަވަރުތައް ފޮނުވައިފި ނަމަ ޓައިވާނުން ވެސް ރައްދުގައި ފިޔަވަޅުތަކެއް އަޅާނެ ކަމަށާއި އެއީ ވަރުގަދަ ފިޔަަވަޅުތަކަކަށް ވާނެ ކަމަށެވެ.
"ޓައިވާނުގެ ސަރަހައްދާ 24 ނޯޓިކަލް މޭލަށް ކައިރިވާ ޗައިނާގެ އުޅަނދުތަކަށް ރައްދު ހަމަލާ ދިނުމުގައި ޓައިވާނުން ވެސް ވައިގެ މަގުންނާއި ކަނޑު މަގުން ހަރަކާތްތެރިވާނެ" ރައްދު ހަމަލާތަކާ ގުޅިގެން ޓައިވާން އަސްކަރިއްޔާގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.
މިދިޔަ އަންގާރަ ދުވަހު ޓައިވާނުން ވަނީ ޗައިނާގެ ޑްރިލްތައް ފެށުނު ފަހުން ފުރަތަމަ ފަހަރަށް ރައްދު ހަމަލާއެއް ދީފަ އެވެ. އެގޮތުން ޗައިނާއިން އެ ގައުމުގެ ކިންމެން ސަރަހައްދަށް ފޮނުވި ޑްރޯން އާ އެކު ޓައިވާނުން ވަނީ ރައްދުގައި ހަމަލާތަކެއް ދީފަ އެވެ.
އެމެރިކާގެ ސްޕީކާ އޮފް ދަ ހައުސް ނޭންސީ ޕެލޯސީ މިދިޔަ މަހު ޓައިވާނަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން ޗައިނާއިން ވަނީ އެކަމާ ނުރުހުންވެ ޓައިވާނުގެ ސަރަހައްދުގައި ވަރުގަދަ އަސްކަރީ ޑްރިލްތަކެއް ފަށައިފަ އެވެ.
ޓައިވާނަކީ ވަކި ސަރުކާރެއް އޮންނަ މިނިވަން ދައުލަތެއް ނަމަވެސް ޗައިނާއިން އަބަދުވެސް އަންނަނީ ޓައިވާނަކީ އެގައުމުގެ ބައެއް ކަމަށް ބުނެ ދައުވާ ކުރަމުންނެވެ.
ޗައިނާގެ ހުއްޓުމެއް ނެތް ފިއްތުންތަކުގެ ސަބަބުން ޓައިވާނުގެ ރައްޔިތުން އަބަދުމެ ދިރިއުޅެން ޖެހިފައިވަނީ ޗައިނާއިން އެގައުމަށް އަރައި އަޅުވެތިކޮށްފާނެ ކަމުގެ ބިރުގަ އެވެ. -- އަލް އަރަބިއްޔާ