ޖިންސީ ގޯނާގެ ތުހުމަތުގައި ހައްޔަރު ކުރި، ހުޅުމާލޭގައި ހުންނަ ޣާޒީ ސްކޫލްގެ ޓީޗަރަށް އަނިޔާކުރި މައްސަލައިގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

އިއްޔެގެ ވަގުތެއްގައި އޭނާ ހައްޔަރުކޮށްފައިވާއިރު، ފުލުހުން ބުނީ، މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން ޓީޗަރަށް އަނިޔާކުރުމުން އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

ޣާޒީ ސްކޫލްގެ ޓީޗަރަކު ކުއްޖާއަށް ބަދުއަޙްލާޤީ އަމަލު ހިންގާ ވީޑިއޯއެއް ދެއްކި މައްސަލައާ ގުޅިގެން ޓީޗަރު ހައްޔަރުކުރީ ހުޅުމާލޭ ދެވަނަ ފިޔަވަހިން އާންމުން އެ ޓީޗަރު ހިފަހައްޓައިގެން އަނިޔާ ކުރަމުން ގެންދަނިކޮށެވެ. އަދި އޭނާގެ ބަންދަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ފަސް ދުވަސް ޖަހާފައިވާކަމަށް ފުލުހުންގެ ފުލުހުންގެ މީޑިއާ އޮފިޝަލަކު ވަނީ މައުލޫމާތުދީފަ އެވެ.

މި މައްސަލައިގައި ހަމަ އެ ދުވަހު ޓީޗަރު ސަސްޕެންޑުކޮށްފައިވާނެ ކަމަށް މިނިސްޓްރީން ހާމަކޮށްފައިވެ އެވެ.