ފ، ބިލެއްދޫގައި އިންޑިއާ ބަޔަކު ނުކުމެ މަގުތައް މަތީގައި ހިންދޫންގެ އަޅުކަމެއް ކޮށްފި އެވެ.
އެރަށުގައި ބިދޭސީންތަކެއް ނުކުމެ ފާޅުގައި ހިންދޫ ދީނަށް އަޅުކަން ކުރާ މަންޒަރު ފެންނަ ފޮޓޯތަކެއް މީސް މީޑިއާގައިވެސް ވަނީ ދައުރުވާން ފަށާފަ އެވެ. މިކަން މީޑިއާގެ ސަމާލުކަމަށް ގެނައި ފަރާތުން ހިއްސާ ކުރި ފޮޓޯގައި ތިން ފިރިހެނަކު ހިންދޫ ދީނުގެ މީހުން ބޭނުން ކުރާ ޒާތުގެ ބުދެއް ހިފައިގެން މަގުމަތީގައި ހިނގާފައި ދާކަން ސާފުވެ އެވެ.
މިކަން ހިނގާފައިވަނީ އިއްޔެ މެންދުރު ކަމަށާއި ކައުންސިލްގެ ސަމާލުކަމަށް މިކަން އައިސްފައިވަނީ ކޮމިއުނިޓީ ވައިބާ ގްރޫޕެއްގެ ތެރެއިން ކަމަށް ކައުންސިލުން ބުނެ އެވެ.
ހިންދޫ ދީނުގެ ޝިއާރު ފާޅުކޮށް ބުދެއް ހިފައިގެން ބިލެއްދޫގައި އަޑު އުފުލާފައިވަނީ އެރަށުގެ ފެނުގެ ނިޒާމު ގާއިމުކުރުމަށް މަސައްކަތް ހަވާލުކޮށްފައިވާ އިންޑިއާގެ ކުންފުންނެއްގެ މުވައްޒަފުންތަކެއް ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
މިކަން ތިލަވުމާ ގުޅިގެން ރައްޔިތުން ނުކުމެ އިންޑިއާ މީހުން އުޅޭ ތަންތަން ބަލާފާސްކޮށް ހަދާފައިވެ އެވެ.
ފުލުހުން ބުނީ އެފަދަ ކަމެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި ޢާއްމުކޮށް ފުލުހުން ބުނަމުންދާ ބީދައިން "ބަލަންވާ ކަންކަން ބަލަމުންދާ" ކަމަށެވެ.
ދިވެހިރާއްޖޭގައި އެހެން ދީންތައް ފެތުރުމަކީ ގާނޫނު އަސާސީން ކަނޑައެޅިގެން މަނާކަމެކެވެ. އަދި ރާއްޖޭގައި ފާޅުކޮށް އެހެންދީންތަކަށް ޢާއްމުކޮށް ފެންނަ ގޮތަށް އަޅުކަން ކުރުމަކީވެސް މަނާކަމެކެވެ،
މި ހާދިސާ ހިނގުމާގުޅިގެން އެރަށުގެ ރައްޔިތުންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މަގުމަތީ މިވަރުކަމެއް ބައަކު ހިންގާއިރު އެކަން ފެނުނު މީހުނަށް އެކަން ނުހުއްޓުވުނީ ކީއްވެތޯ އެވެ. ރައްޔިތުންނަކަށް ނުހުއްޓެވުނު ޕޮލިހަކަށް ނުހުއްޓެވުނު ކައުންސިލަކައް ނުހުއްޓެވުނު ދެން އެފަދަ ފިނޑި ބަޔަކު އެވާހަކަ ދައްކަނީ ކީއްކުރަންތޯ އެވެ