ދ. އަތޮޅުގައި އޮންނަ އަންސާނާ ވެލާވަރު މޯލްޑިވްސް ރިސޯޓުގައި ކުއްލި ގޮތަކަށް ސްރީލަންކާގެ މީހަކު މަރުވެއްޖެ އެވެ.

ރޭގެ ވަގުތެއްގައި މަރުވެފައިވަނީ އެ ރިސޯޓުގައި މަސައްކަތް ކުރި އުމުރުން 44 އަހަރުގެ މީހެކެވެ.

އެނގިފައިވާގޮތުގައި އޭނާ އަކީ އެ ރިސޯޓުގައި ކާއްކާއެއްގެ ގޮތުގައި މަސައްކަތް ކުރަމުން ގެންދިޔަ މީހެކެވެ. އަދި އޭނާ މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް އެ ރިސޯޓުން މައުލޫމާތުދީފައިވެ އެވެ.

އެ ރިސޯޓުން އިތުރަށް ބުނިގޮތުގައި، އޭނާ ހާޓް އެޓޭކެއް ޖެހިގެން މަރުވި ނަމަވެސް އެއީ ކުރިން ބަލި މީހެއް ނޫނެވެ. އަދި އެމީހާ އަކީ ވަރަށް ގިނަ ދުވަހު އެ ރިސޯޓުގައި މަސައްކަތް ކޮށްފައިވާ މީހެއް ކަމަށް އެ ރިސޯޓުން ބުނެފައިވެ އެވެ.

މި ހާދިސާއާ ގުޅިގެން އޭނާ މީދޫ ހެލްތް ސެންޓަރަށް ގެންގޮސްފައިވާއިރު، އޭނާ ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް އެ އިދާރާއިން ވަނީ ބުނެފަ އެވެ.