އައްޑޫ އިކުއޮޓޯރިއަލް ހޮސްޕިޓަލް ކައިރީގައި އޮންނަ ކުޅީގައި އަލިފާން ރޯވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ ސ. ހިތަދޫ ބޮޑުމަގު ބުރުކައިރި ވަލުތެރޭގައި ހުރި ގަސްތަކެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސ. ހިތަދޫ ފަޔާ ސްޓޭޝަނުގެ ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މި ހާދިސާގެ ރިޕޯޓް ލިބުނީ މިއަދު 5:25 ހާއިރު ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެ ސަރަހައްދުގައި ވަނީ ވަރަށް ބޮޑަށް އަލިފާން ރޯވެފަ އެވެ. އަދި އަލިފާންގަނޑު ދަނީ ވަރަށް ބާރަށް ފެތުރެމުންނެވެ.

އެ އަލިފާންގަނޑު ކޮންޓްރޯލް ނުވެ، ދުމުގެ އަސަރު މިހާރު އަންނަނީ އިކުއޮޓޯރިއަލް ހޮސްޕިޓަލަށް ވެސް ކުރަމުންނެވެ. އެގޮތުން ހޮސްޕިޓަލްގެ އެމަޖެންސީ ރޫމް ހުންނަ ދިމާލަށް ދުމުގެ އަސަރު ކުރަން ފަށާފައިވާއިރު ބަލި މީހުންނަށް ވެސް އޭގެ އަސަރު ކުރަމުންދާ ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ. އަދި ބަލި މީހުންގެ ރައްކާތެރިކަމަށް މިހާރު އަންނަނީ ފިޔަވަޅުތައް އަޅަމުންނެވެ.

މިކަން ހިނގަން ދިމާވި ސަބަބެއް އަދި އެނގިފައެއް ނުވެ އެވެ.