ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރްއާ އެކު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި އިތުރު ތިން މީހަކު ހައްޔަރުކޮށް އެމީހުންގެ ބަންދަށް މުއްދަތު ޖަހައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ބުނީ އެއްޖިއްސުން ގުޅުން ހިންގި މައްސަލަ ތަކާއި ގުޅިގެން ތިން މީހަކު ކޯޓު އަމުރެއްގެ ދަށުން މިހަފްތާގެ އަންގާރަ ދުވަހު ހައްޔަރު ކޮށްފައިވާކަމަށެވެ. ހައްޔަރު ކޮށްފައިވަނީ 40 އަހަރުން މަތީގެ 3 މީހުން ކަމަށެވެ.

ހައްޔަރު ކޮށްފައިވާ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 45 އަހަރުގެ މީހާއަށް 5 ދުވަސް، 47 އަހަރުގެ މީހާއަށް 14 ދުވަސް އަދި 49 އަހަރުގެ މީހާއަށް 14 ދުވަސް ވަނީ ދީފަ އެވެ.

އެއްޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި އަލަމްގީރް ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމަށް މިދިޔަ މަހުގެ 31 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އޭނާގެ މައްޗަށް ތިން ދައުވާއެއް އުފުލާފައި ވެއެވެ. އެއީ އެއްޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ތިން ދައުވާ އެވެ. ތިން ދައުވާއަށްވެސް އޭނާ ވަނީ އިއުތިރާފުވެފަ އެވެ.