ސްރީލަންކާ ކައިރީގައި އޮތް ތެޔޮ ޓެންކަރެއް ރޯވެ، ލިބުނު ގެއްލުން ދިރާސާކުރުމަށް ބައިނަލްއަގުވާމީ ސެލްވޭޖް މާހިރުންގެ ޓީމަކުން އެ ގައުމަށް ގޮސްފި އެވެ.

ތެޔޮ ޓޭންކަރުގައި ރޯވި އަލިފާނުގެ ސަބަބުން ޓޭންކަރުގައި ލީކެއް ހުރެދާނެ ކަމާމެދު ވަނީ ކަންބޮޑުވުން އުފެދިފަ އެވެ.

ޕެނެމޭނިއާގައި ރަޖިސްޓްރީ ކޮށްފައިވާ، ނިއު ޑައިމަންޑް ނަމަކަށް ކިޔާ މި ޓޭންކަރުގައި 270،000 ޓަނުގެ ކްރޫޑް އާއި ޑީސަލް ތެޔޮ ހުއްޓެވެ. އަދި މި ހާދިސާ ހިނގަން މެދުވެރިވި އިރު ޓޭންކަރު ދަތުރުކުރަމުން ދިޔައީ ކުވެއިތުން އިންޑިއާގެ ޕަރަދީޕް ބަނދަރަށެވެ.

އަލިފާން ރޯވެފައިވަނީ އިންޖީން ރޫމްތެރޭގައި އެއްޗެއް ގޮވައިގެންނެވެ. އަދި މި ގޮވުމުގައި އެ ޓެޔޮ ޓޭންކަރުގައި މަސައްކަތްކުރާ ފިލިޕީންސްގެ ރައްޔިތަކު ވަނީ މަރުވެފަ އެވެ.

ސްރީ ލަންކާގެ ނޭވީ އާއި އިންޑިއާގެ ކޯސްޓްގާޑާއި ގުޅިން ހުކުރު ދުވަހު ވަނީ ރޯވި އަލިފާންގަނޑު އެއްކޮށް ނިއްވާލާފަ އެވެ. އަދި މީގެ ސަބަބުން އަލިފާން ރޯވާ ޒާތުގެ ކާގޯގައި ހުޅުގަނޑު ހިފުމުން ސަލާމަތްވި އެވެ.

ސްރީލަންކާގެ ނޭވީއިން ދެއްވި ބަޔާނެއްގައި ވަނީ މިއަދު އަންނަން ހަމަޖެހިފައިވާ ޓީމުގައި ހިމެނޭނީ އިނގިރޭސިވިލާތާއި ނެދަލޭންޑްސްއަށް ނިސްބަތްވާ 10 މީހުންކަމަށާއި، ރެސްކިއު އޮޕަރޭޝަންތަކުގައި އެހީތެރިކަން ފޯރުކޮށްދީ، ލިބިފައިވާ ގެއްލުން ދެނެގަނެ، ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ބޮޑުމިނުގައި 330 މީޓަރު (1،000 ފޫޓު) ހުރި މި އުޅަނދު މިހާރުވަނީ ސްރީލަންކާގެ އައްސޭރިފަށާއި 75 ވަރަކަށް ކިލޯމީޓަރު ދުރަށް ގެންގޮސްފަ އެވެ.

ކަމާބެހޭ ފަރާތްތަކުން ބުނި ގޮތުގައި ޓެންކަރުގައި އަލިފާނުގެ އަސަރުކޮށް ފަޅައިގެން ގޮސްފައި ހުރި ތަނުން ތެޔޮ ލީކުވަމުން ނުދާކަމަށާއި އެއީ "ކެޓެސްޓްރޯފިކް ސްޓަކްޗަރަލް ފެއިލިއާއެއް" ކަމަށް ނުބަލާނެ ކަމަށެވެ. ޔާހޫ ނިއުސް