މާލޭގެ ދެކުނު ހާބަރު ގައި ސީސީޓީވީ ކެމެރާ ހަރުކޮށް، ސައުވީސް ގަޑިއިރު އެސަރަހައްދު މޮނިޓާ ކުރަން ފަށައިފި އެވެ.

މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި މަޝްރޫޢަކީ މާލެ ސިޓީގެ ސީސީޓީވީ ޕްރޮގްރާމްގެ ދެވަނަ ފިޔަވަހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެއް ކަމަށެވެ. އެގޮތުން ފުރަތަމަ ފޭސްގައި މާލެ އާއި ވިލިމާލެ ގެ ހުރިހާ މިސްކިތެއްގައި ސައުވީސް ގަޑިއިރު ކަވަރޭޖް ކުރިން ނިމިފައިވާ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.

މީގެއިތުރުން ފޭސް ތިނެއްގެ ދަށުން މާލޭ އުތުރު ފަރާތު ފަޅުތެރެ ބެލެހެއްޓުމަށް ވެސް ކެމެރާ ހަރުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން ޑރ.މުއިއްޒު ވިދާޅުވީ މާލޭގެ ދެކުނުފަރާތު ފަޅުތެރޭގައި އަޅާ އުޅަނދުފަހަރުން ވައްކަންކޮށް ގެއްލުންދޭ މައްސަލައަކީ ވަރަށް ބޮޑުވެފައިވާ މައްސަލައެއް ކަމަށެވެ.

މިކަން ހައްލު ކުރުމަށްޓަކައި މޭރީބްރައުން ކުރިމަތިން ފެށިގެން ސްޓެލްކޯގެ ޕަމްޕް ސްޓޭޝަނާ ހަމައަށް މުޅިފަޅުތެރޭ 15 ސީސީޓީވީ ކެމެރާ ހަރުކޮށް 24 ގަޑިއިރު ބެލެހެއްޓޭނެ ކަމަށްވެސް މޭޔަރު މުއިއްޒު ވިދާޅުވި އެވެ

މާލެ އަކީ އެންމެނަށްވެސް އަމާން ރައްކާތެރި މާހައުލަކަށް ހެދުމަކީ ސިޓީ ކައުންސިލްގެ ވަރަށް ބޮޑު އަމާޒެކެވެ.