ބަންގްލަދޭޝްގެ އަލަމްގީރްއާއެކު އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ދައުވާކޮށްފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރުގެ ޝަރީއަތް އަންނަ އާދީއްތަ ދުވަހަށް ފަށަން ތާވަލުކޮށްފި އެވެ.

ނާޒިމުގެ މައްޗަށް އެއްޖިންސުން ގުޅުން ހިންގުމުގެ ދައުވާ މިދިޔަ މަހުގެ ތެރޭގައި އުފުލީ ބަންގްލަދޭޝްގެ ޒުވާނެއް ކަމަށްވާ އެމްޑީ އަލަމްގީރާ އެކު ޖިންސީ ގުޅުން ހިންގި މައްސަލައިގަ އެވެ. އެ މައްސަލަ ފެންމަތިވީ އެ ދެ މީހުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ޖޫން މަހުގެ ފަހުކޮޅު ލީކްވުމާ އެކީގަ އެވެ. އެ މައްސަލައާ ގުޅިގެން ނާޒިމް ޖުލައި މަހުގެ ތެރޭގައި ހައްޔަރު ވެސް ކުރި އެވެ. އަދި ހައްޔަރުން ދޫކޮށްލީ މިދިޔަ މަހުގެ ތެރޭގަ އެވެ.

އެ މައްސަލާގައި ނާޒިމްގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ކުރިމިނަލް ކޯޓްގައި ތައާވަލުކޮށްފައިވަނީ އަންނަ އާދިއްތަ ދުވަހުގެ މެންދުރުފަހު 1:30 އަށެވެ.

ނާޒިމްގެ ޝަރީއަތް އާދީއްތަ ދުވަހު ފަށަން ހަމަޖެހިފައިވާ އިރު، އެ މައްސަލާގައި އިއުތިރާފުން ކުށް ސާބިތުގެ އަލަމްގީރަށް 7 މަހާއި 7 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ މިދިޔަ މަހުގެ 31 ގަ އެވެ.

އަލަމްގީރާ އެކީ ގުޅުން ހިންގިކަމުގެ ތުހުމަތުގައި ދައުވާކުރި މީހުންގެ ތެރޭގައި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ކުރިން ފުލުހެއްގެ ގޮތުގައި މަސައްކަތްކުރި އަބްދުއް ރަހުމާން ރަފީއު (ދޮންދިގު) ވެސް ހިމެނެ އެވެ.

ގާނޫނުލްއުގޫބާތުގެ ދަށުން ދައުވާ އުފުލުމުން މިމައްސަލައިގައި ހިމެނޭ މީހުންނަށް އެންމެ ބޮޑު އަދަބަކަށްވެސް އަންނާނީ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.

މި މީސްމީހުންގެ އިތުރުން ވެސް އެތައް ބަޔަކާ އެކީ އަލަމްގީރް ގުޅުން ހިންގާފައިވާ ކަމަށް ފުލުހުންނަށް ދިން ބަޔާނުގައި އިއުތިރާފުވެފައިވެ އެވެ. އަދި އޭގެ ތެރެއިން ބައެއް މީހުންގެ ވީޑިއޯތައް ވެސް ލީކްވެފައިވެ އެވެ.