ތެހްރާން (11 ސެޕްޓެމްބަރު) - މިހާރު ކުރިއަށްދާ ނިއުކްލިއާ މަޝްވަރާތަކުގައި އީރާނުގެ ނިޔަތާމެދު ޝައްކު އުފެދޭ ކަމަށް ޔޫރަޕްގެ ބާރުތަކުން ބުނެފި އެވެ.

ފްރާންސާއި ޖަރުމަނާއި އިނގިރޭސި ވިލާތް ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނިއުކްލިއާ އެއްބަސްވުމުގެ ކަންކަމުގައި އީރާނުގެ ބަސްމަގު ބަދަލުވަމުން ދާތީ މި އެއްބަސްވުމަށް އެ ގައުމުން ދޭ މުހިއްމުކަން ކުޑަކަން އެނގޭ ކަމަށެވެ.

Adv by TMA
TMA
Adv by Dhiraagu
Dhiraagu

އެ ތިން ގައުމުން އެހެން ބުނެފައިވަނީ މަޝްވަރާގެ އެންމެ ފަހުގެ ކަރުދާހުގައި ހިމެނިފައިވާ ކަންކަމަށް އެމެރިކާއިން ހުށައެޅި އިސްލާހުތަކާއެކު އީރާނުގެ ރާގު ބަދަލުވެފައި ވަނިކޮށެވެ.

"ޑިމޮކްރެޓިކް އުސޫލުތަކާ ޚިލާފުވެ އީރާނުން ބޭނުންވަނީ އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމް އިތުރަށް ފުޅާ ކުރަން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

އީރާނުން ވަނީ އެ ކަރުދާހުގައި އެ ގައުމުގެ މައްޗަށް ގާނޫނީ ގޮތުން ލާޒިމުކުރާ ކަންތައްތައް ވެސް އަލުން މަޝްވަރާ ކުރަން ހުށައަޅާފަ އެވެ.

"އީރާނުގެ މި އަމަލުތަކާއެކު މި އެއްބަސްވުމުގެ ކަންކަމުގައި އެގައުމުން ގެންގުޅޭ ނިޔަތާމެދު ސުވާލު އުފެދޭ،" ބަޔާނުގައި އިތުރަށް ބުނެފައިވެ އެވެ.

އީރާން ނިއުކްލިއާ އެއްބަސްވުމަކީ އެގައުމުގެ ނިއުކްލިއާ ޕްރޮގްރާމް މަޑުޖައްސާލުމުގެ ބަދަލަށް އެއްބަސްވުމުގެ އެހެން ބައިވެރިން އެ ގައުމަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ލުއިކުރަން އެއްބަސްވާ އެއްބަސްވުމެކެވެ. -- އަލް އަރަބިއްޔާ