ރާއްޖޭގައި މަސައްކަތްކުރަން އައިސް އުޅުނު ބަންގްލަދޭޝްގެ އަލަމްގީރް އާ އެކުގައި އެއްޖިންސުން ގުޅުން ހިންގި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރު ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލިހުގައި އެއްބަސްވެއްޖެ އެވެ.

އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް އާންމުވީ މައްސަލައިގައި ނާޒިމްގެ މައްޗަށް އުފުލާފައިވާ ދައުވާގެ އިބްތިދާއީ އަޑުއެހުން މިއަދު ވަނީ ބާއްވާފަ އެވެ. މިއަދު ކޯޓުގައި ބޭއްވި އިބްތިދާއީ އަޑުއެހުން ކުރިއަށް ދިޔައީ ސިއްރުކޮށްގެންނެވެ.

މި އަޑުއެހުމުގައި ނާޒިމް ވަނީ އަލްމަގީރާއެކު ޖިންސީ ގުޅުން ހިންގި ކަމަށް އިއުތިރާފުވެފަ އެވެ. އެއާއެކު ކްރިމިނަލް ކޯޓުން ވަނީ އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅާފަ އެވެ.

ނާޒިމް ކުށަށް އިއުތިރާފުވުމާ ގުޅިގެން އެ މައްސަލަ ބައްލަވާ ގާޒީ ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވެފައިވާ ކަމަށް ކަނޑައަޅާފަ އެވެ.

އެތައް ބަޔަކާއެކު ލިވާތުކޮށް އެއްޖިންސުން ގުޅުންހިންގި ކަމަށް މީގެ ކުރިން އަލަމްގީރު ވެސް ވަނީ އެއްބަސްވެ އެ ކުށަށް އިއުތިރާފުވެފަ އެވެ.

ކުށަށް އިއުތިރާފުވުމާ ގުޅިގެން އަލަމްގިރުގެ މައްޗަށް ކޯޓުން އިއްވާފައި ވަނީ 7 މަސް ދުވަހުގެ ޖަލު ހުކުމެކެވެ.

މައުލޫމާތު ލިބޭ ގޮތުގައި ނާޒިމް ސައްތާރު ވެސް ކުށަށް އިއުތިރާފުވެފައިވާތީ އޭނާގެ މައްޗަށް އިއްވާނީ ވެސް 7 މަސް ދުވަހުގެ ޖަލު ހުކުމެކެވެ.