ގާނޫނީ ވަކީލުކަމުގެ ހައިސިއްޔަތުން ކުރާ މަސައްކަތްތަކުގެ ބޭރުންވެސް ވަކީލަކު ކުރާ ކުށަކާއި ގުޅިގެން ބާ ކައުންސިލަށް މައްސަލަ ބެލޭ ގޮތަށް "ގާނޫނީ ފަންނުގެ ގާނޫން"އަށް އިސްލާހު ގެނައުމަށް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެމްބަރު ޔޫނުސް އަލީ އެވެ.

ގާނޫނީ ފަންނުގެ ގާނޫނުގެ 54 ވަނަ މާއްދާ މިހާރު އޮތް ގޮތުން ގާނޫނީ ވަކީލަކު އޭނާގެ މަސައްކަތުގެ ބޭރުން ކުރާ އަމަލުތަކާއި ގުޅިގެން ސުލޫކީ ފިޔަވަޅު އެޅޭނެ ގޮތެއް ބާއުންސިލަށް ނޯވެ އެވެ.

ޔޫނުސް ހުށަހެޅުއްވި މިއިސްލާހުގައި ވަކީލަކު މަސައްކަތުގެ ތެރެއިން ކުރާ އަމަލުތަކުގެ އިތުރުން ޤާނޫނީ ފަންނުގެ އަސާސްތަކާއި އަދުލު އިންސާފު ގާއިމުކުރުމުގެ ހަމަތައް ނެގެހެއްޓުމަށްޓަކައި ގެންގުޅެންވާނެ އުސޫލުތަކާއި ހިލާފަށް އަދި ގާނޫނީ ފަންނުގެ އިތުބާރު ގެއްލޭފަދަ ޢަމަލެއް ކުރިޔަސް އެމައްސަލައެއް ބާ ކައުންސިލަށް ހުށަހެޅޭނެކަމަށް ބުނެފައިވެއެވެ. އަދި މިފަދަ މައްސަލަތައް ކޮންމެ މީހަކަށް ވެސް ހުށަހެޅޭނެ ކަމަށް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ވަކީލުންނާއި ގުޅޭ މައްސަލަތައް ބާ ކައުންސިލަށް ވެސް އިސްނަގައިގެން ބެލޭނެކަމަށް ވަނީ ކަނޑައަޅާފަ އެވެ. ކުރިން އޮންނަ ގޮތުން ވަކީލުންނާ ގުޅޭ މައްސަލަތައް ބާ ކައުންސިލަށް އިސްނަގައިގެން ނުބެލޭނެ އެވެ.

ގާނޫނު ކުރިން އޮތް ގޮތުން ވަކީލަކަށް ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވުނަސް އަދި އެފަދަ މައްސަލައެއްގައި ދައުވާ ކުރިއަސް އަދި އެފަދަ މައްސަލައެއްގައި ކޯޓަކުން ހުކުމް ކުރިއަސް ބާ ކައުންސިލަށް އެޅޭނެ ފިޔަވަޅެއް ނޯވެ އެވެ. ނަމަވެސް ގާނޫނަށް މިހާރު ގެންނަން ހުށަހަޅާފައިވާ އިސްލާހާއެކު މިކަންކަމަށް ހައްލު ގެނެވިގެންދާނެ އެވެ.

މި މައްސަލަ ބޮޑުވީ ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު އެއްޖިންސުން ގުޅުން ހިންގި މައްސަލައެއް ދާދި ފަހުން ފެންމަތިވެގެން އެ މައްސަލަ ބާ ކައުންސިލުން ނުބެލުމުންނެވެ.