މާލެއަކީ ރައްޔިތުންނަށް އަމާން ރައްކާތެރި ސިޓީއަކަށް ހެދުމަށްޓަކައި ފުލުހުންނާއި ސިފައިން ގުޅިގެން ގޭންގުތަކާއި ދެކޮޅަށް ކުރިއަށް ގެންދިޔަ އޮޕަރޭންސަންގެ ނަތީޖާ މިހާރު ފެންނަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ލ. މަގުގައި ކުރިއަށް ދިޔަ ވިއަވަތި ރާއްޖެ ކޮންފަރެންސްއަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް ސޯލިހު ވިދާޅުވީ އާއްމުންގެ ގިނަ ކަންބޮޑުވުމެއް އޮތް މި މައްސަލަ ހައްލުކުރުމުގެ ފުރަތަމަ މަރުހަލާގައި ކާމިޔާބީތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން މިހާރު ކަންކަންމަތީގައި ގޭންގުތަކަށް ނިސްބަތްވާ ފަރާތްތަކުން ތިބޭތަން ފެނިގެންނުދާ ކަމަށް ވެސް ރައީސް ފާހަގަ ކުރެއްވި އެވެ.

"ފާއިތުވި 4-5 އަހަރާ އަޅާބަލާއިރު މަގުތަކުގެ ސަލާމަތަށް ބަދަލުތަކެއް އައިސްފ.ކޯނާތަކުގައި ސިފައިންނާއި ފުލުހުން ތިބެގެން އެ ހަރަކާތްތައް ހުއްޓުމަކަށް ގެނައީ ފުރަތަމަ ކަމަށް. އެކަން ކޮންމެ ވެސް ވަރަކަށް ކުރެވިއްޖެ. ގޭންގު ޓާސްކް ފޯހުގެ މިދިޔަ ހަފުތާގެ ބައްދަލުވުމުގައި ފުލުހުން ދިން ޕްރެޒެންޓޭޝަންގައި ބުނީ މިހާރު އެ މީހުންގެ ސްޓްރެޓަޖީ ބަދަލުކުރޭ. މިހާރު އެ ތަނުގައި، ކުރިން ތިބޭ ތަންތަނުގައި ނުތިބޭ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ގޭންގުތަކާ ދެކޮޅަށް ފުލުހުންނާއި ސިފައިން މަސައްކަތްކުރަމުން ދާއިރު، މިދިޔަ ހުކުރު ދުވަހުގެ ހެނދުނު ވަނީ ހެންވޭރުގެ ގްރޫޕަކުން ޑްރަގް އެންޑް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގެ ތިން ފުލުހަކަށް ހަމަލާދީފަ އެވެ.

މިކަމާ ބެހޭ ގޮތުން ރައީސް ސޯލިހު ވިދާޅުވީ ގޭންގަކުން ހަމަލާދިން ފުލުހުންގެ ތެރެއިން އެކަކީ އެ ގޭންގުން މަސްތުވާތަކެތި ގަންނަ ފުލުހެއް ކަމަށެވެ.

"އޭނައަކީ ކުރީން އެ ގޭންގުގެ ޑްރަގް ނެޓްވޯކެއްގެ ތެރެއަށް ގޮސް ޑުރަގް ހޯދަން ވެގެން އެކަމުގައި އުޅުނު ފުލުހަކަށް ވާތީ އޭގެ ބަދަލު އެ އައީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ ގޭންގުން ހިންގަން އުޅުނު ޑްރަގް ހަރަކާތެއް ހުއްޓުވަން އެ ފުލުހުން މަސައްކަތް ކުރި ކަމަށެވެ.

މާލޭގައި ހިންގި މާރާމާރީއާ ގުޅިގެން ސައިކަލްތަކެއް ޓްރެފިކް ފުލުހުން ގެންދަނީ ---

ފުލުހުންނަށް ހަމަލާދިން މައްސަލައިގައި މިހާތަނަށް ތިން މީހަކު ހައްޔަރުކޮށްފައިވާ އިރު، އޭގެ ތެރެއިން ދެ މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބޭއްތިބުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ވިއަވަތި ރާއްޖެ ކޮނަފަރެންސްގައި ފުލުހުން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު މާލެގެ އިތުރުން އެންމެ ގިނަ ގޭންގުތައް ހަރަކާތްތެރިވަނީ ދެކުނުގެ އަތޮޅުތަކުގައި އެވެ. އެގޮތުން އައްޑޫ ސިޓީގައި 32 ގޭންގެއް ހަރަކާތެރިވާ ކަމަށް ފުލުހުން ހާމަކުރެ އެވެ.

"އަމާން މުޖުތަމައު"ގެ ނަމުގައި ފުލުހުން ހުށަހަޅައިދިން ޕްރެޒެންޓޭޝަންގައި ބުނީ ދެކުނުގެ އަތޮޅުތަކުގައި ހަރަކާތްތެރިވާ ގޭންގުތަކުގައި ދެކުނުނުގެ ރަށްތަކަށް ނިސްބަތްވާ 1506 މީހުން އެބަތިބި ކަމަށެވެ. މީގެ ތެރެއިން 605 މީހުންނަކީ ދެކުނުގެ ރަށްތަކުގައި ދިރިއުޅޭ މީހުންނެވެ. އަދި 901 މީހުންނަކީ މާލޭގައި ދިރިއުޅޭ މީހުންކަމަށް ފުލުހުން ބުނެއެވެ. މި މީހުންގެ ތެރެއިން އިސްކޮށް 700 އެއްހާ މެންބަރުން އުޅޭއިރު، އެ ގޭންގުތަކުގައި 100 ކުޑަކުދިންވެސް ހަރަކާތްތެރިވަމުންދާކަމަށް ފުލުހުން ބުންޏެވެ.