ޖެނީވާ (15 ސެޕްޓެމްބަރު) - ކޮވިޑް- 19 ބަލިމަޑުކަމުގެ ނިމުން ގާތްވެފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޯމް ގެބްރެޔެސަސް ވިދާޅުވެއްޖެ އެވެ.

ޓެޑްރޯސް އިއްޔެ ވިދާޅުވީ ކޮވިޑް ފެށުނު ފަހުން ތަޖުރިބާކުރާ އެންމެ ރަނގަޅު ދުވަސްވަރަކީ މިއީ ކަމަށާއި ނިމުމަކަށް އަދި އާދެވިފައި ނުވި ނަމަވެސް ނިމުން ގާތްވެފައިވާ ކަމަށެވެ.

ޓެޑްރޯސްގެ މިބަސްފުޅާއެކު ކޮވިޑް އެންމެ ފުރަތަމަ ފެނުނު ޗައިނާގެ އާއްމުން އަންނަނީ އިންޓަނެޓުގައި އެކަމަށް ހަޖޫ ޖަހައި ޚިޔާލުފާޅުކުރަމުންނެވެ.

ޗައިނާގައި ކޮވިޑް ފިޔަވަޅުތައް އަދިވެސް ވަރަށް ވަރުގަދަކޮށް އޮތްއިރު، ގިނަ ބަޔަކު އަންނަނީ އެ ގައުމުގައި މިއީ އަދިވެސް ކޮވިޑްގެ ފެށުންކަމުގައި އިހުސާސް ކުރެވޭ ކަމަށެވެ.

މިއާ ގުޅިގެން ޓެޑްރޯސްގެ ނަމުގައި ޓްވިޓާގައި ހޭޝްޓެގްއެއް އުފައްދައި އެ ހޭޝްޓެގްއަށް މިހާތަނަށް އެތައް ހާސް ޓްވީޓެއް ލިބިފައިވެ އެވެ.

2019 ވަނަ އަހަރު ކޮވިޑް ޕެންޑަމިކް ފެށިގެން މިހާތަނަށް އައިއިރު ގިނަ ގައުމުތަކަކުން ފިޔަވަޅުތައް ލުއިކޮށްފައިވާއިރު ޗައިނާގައި އަދިވެސް ފިޔަވަޅުތައް ވަރަށް ވަރުގަދަ އެވެ. -- އަލް އަރަބިއްޔާ