މީގެ ތިން އަހަރު ކުރިން އެންވައި ސިނަމާގެ ނަމުގައި ފެންވަރު ރަނގަޅު ސިނަމާތަކެއް ހުޅުވި، ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަދި ފިލްމު އުފެއްދުންތެރިޔާ އަޖޭ ދޭވްގަން އިތުރު ސިނަމާތަކެއް ހުޅުވުމަށް ތައްޔާރުވެއްޖެ އެވެ.

މިފަހަރު އަޖޭ ސިނަމާ ހުޅުވުމަށް ނިންމާފައިވަނީ އަހުމަދުއާބާދޫގަ އެވެ. މި ސިނަމާ އަކީ 25،000 އަކަފޫޓުގެ ބޮޑުމިނުގައި ހުންނަ ހަތަރު އޮޑިޓޯރިއަމް އާއި 3 ޑީ ފިލްމުތައް ބަލައިލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ޒަމާނީ ފެންވަރުގެ ސިނަމާއެކެވެ. އަދި މިސިނަމާގައި 320 މީހުންގެ ޖާގައިގެ ޑޮލްބީ އެޓްމޯސް ސްކްރީނަކާއި ކްލާސިކަލް ލަގްޒަރީ އޮޑިޓޯރިއަމެއް ހުންނައިރު ހަތަރު ސްކްރީނުން ވެސް 3ޑީ ފިލްމު ބެލޭނެ އިންތިޒާމް ވަނީ ހަމަޖައްސާފަ އެވެ.

އެންވައި ސިނަމާސްގެ އަމާޒަކީ ފުރިހަމަ ލަގްޒަރީ ތަޖުރިބާއެއް ފޯރުކޮށްދީ، ޒަމާނީ ޓްވިސްޓަކާއެކު ފިލްމު ބަލާލުމުގެ ފުރުސަތު ބެލުންތެރިންނަށް ހޯދައިދިނުމެވެ.

https://www.instagram.com/p/CihV7wXICZu/

އަޖޭ އެންމެ ފުރަތަމަ ސިނަމާތަކެއް ހުޅުވީ 2019 ގެ ޖުލައި މަހުގެ ތެރޭގައި ރަތުލަމް ސިޓީގަ އެވެ. އޭރު ސިނަމާތަކެއް ހުޅުވީ ރޭލު ތީމަކަށެވެ.

ސިނަމާގެ ވިޔަފާރި ފުޅާކުރަމުން އަންނަ އެކްޓަރު ވަރަށް އަވަހަށް އާނަންދާއި ސޫރަތާއި ރާޖްކޮޓްގައި ވެސް ސިނަމާތަކެއް ހުޅުވާނެ އެވެ. އަޖޭ، 53، ގެ އެންވައި ސިނަމާގެ ނަމުގައި ހިމެނޭ ދެ އަކުރު ރަމްޒުކޮށް ދެނީ ދެ ދަރިންގެ ނަމުގެ ފެށޭ އަކުރެވެ. އެއީ ނީސާ ދޭވްގަން، 19، އާއި ޔުގް ދޭވްގަން، 12، އެވެ.

މަޝްހޫރު ބަތަލާ ކާޖޮލްގެ ފިރިމީހާ އަކީ އެކްޓަރެއްގެ އިތުރުން ޑައިރެކްޓަރެއް އަދި ޕްރޮޑިއުސަރެއް ވެސް މެ އެވެ. އަޖޭ އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ މި އަހަރުގެ އެޕްރީލްގައި ގެނެސްދިން "ރަންވޭ 34" އެވެ. އޭނަ ދާދި ފަހުން ވަނީ ޑައިރެކްޓްކުރި ހަތަރު ވަނަ ފިލްމު "ބޯލާ" ގެ ޝޫޓިން ވެސް ނިންމައިފަ އެވެ.

އަޖޭގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 25 ގައި ގެނެސްދޭ "ތޭންކް ގޯޑް" އެވެ.