އެއްޖިންސުން ގުޅުންހުންގާ ލިވާތުކުރިކަމުގެ ތުހުމަތުގައި ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔާ އަބްދުﷲ ނަސީރު އިބްރާހިމްގެ މައްސަލަ ބަލައި ނުގަނެ އަނބުރާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ކްރިމިނަލް ކޯޓުން ފޮނުވާލައިފި އެވެ.
ނަސީރުކަމަށް ބެލެވޭ މީހަކު އެއްޖިންސުން ގުޅުން ހިންގާ ކަމަށް ތުހުމަތު ކުރެވޭ ވީޑިއޯއެއް މީސްމީޑިއާގައިވަނީ ދައުރުވެފަ އެވެ. އެ މައްސަލާގައި ހައްޔަރުކުރުމަށްފަހު ފުލުހުންގެ ބަންދުން އޭނާ ދޫކޮށްލާފައިވަނީ ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް މައްސަލަ ފޮނުވުމަށްފަހު އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނަސީރަށް ކޮށްފައިވާ ދައުވާގައި އަސާސީ ކަންތައްތަކެއް ފުރިހަމަ ނުވާތީ ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާ ވަނީ އެމައްސަލަ ބަލައި ނުގަތުމަށް ނިންމާފަ އެވެ. އެހެންކަމުން އެނިންމުން ރިވިއުކޮށް ދިނުމަށް އެދި ޕީޖީ އޮފީހުން މިހާރު ވަނީ މައްސަލަ ކްރިމިނަލް ކޯޓުގެ ގާޒީންގެ މަޖިލީހަށް ހުށަހަޅައިފަ އެވެ.
ނަސީރު އެއްޖިންސުން ގުޅުންހިންގާ ވީޑިއޯއެއް އާންމުވީ ޖޫން މަހުގެ ތެރޭގަ އެވެ. އެކަމަކު އެއީ އޭގެ މާ ކުރީގެ ވޯޑިއޯއެއް ކަމަށްވެ އެވެ. ސޯޝަލް މީޑިއާގައި އާންމުވި އެ ވީޑިއޯއިން ފެންނަނީ ނަސީރު ކަމަށް ތުހުމަތު ކުރެވޭ މީހަކާއި އެހެން ފިރިހެނަކު ޖިންސީ ގުޅުން ހިންގާ މަންޒަރެވެ.
ނަސީރުގެ އިތުރުންވެސް ގިނަ ބަޔަކު ބަންގުލަދޭޝަށް ނިސްބަތްވާ އެމްޑީ އަލަމްގިރި ނަމަކަށް ކިޔާ ޒުވާނަކާއެކު އެއްޖިންސުން ގުޅުންހިންގާ ވީޑިއޯތައް މިދިޔަ ޖޫން މަހުގެ ތެރޭގައި އާންމުވި އެވެ.
އޭގެތެރެއިން ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރާއި ބަންގްލަދޭޝްގެ އަލަމްގީރަށް ކުށްސާބިތުވެ މިހާރު ވަނީ ހުކުމްކޮށްފަ އެވެ.