ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ރައްޔިތުންނަށް ދެއްކި އެޖެންޑާ19 މެނިފެސްޓޯގައިވާ ކަންކަން ކުރެވެމުންދާ ކަމަށް ބުނަން ވަރަށް ދަތި ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މިހާރު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދާ ދަތުރުފުޅުގައި އައްޑޫ ލައިވަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ހޯދުމާއި މަރުތަކަށް އިންސާފު ހޯދައިދިނުމާއި ކައުންސިލްތައް ވަރުގަދަކުރުން ފަދަ ކަންކަން ނުކުރެވޭ ކަމަށެވެ.

ނަޝީދު ވިދާޅުވީ އެކަންކަން ކުރަން އަދިވެސް ދެ އަހަރު ސަރުކާރަށް އެބައޮތް ކަމަށެވެ.

މި ސަރުކާރުން ކެމްޕޭންތެރޭގައި ވި ބޮޑެތި ވައުދުތައް ނުފުއްދޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވެސް ވަނީ ސަރުކާރަށް ފާޑުކިޔައިފަ އެވެ.

އެ ވައުދުތައް ނުފުއްދޭއިރު، މިހާރު ކުރަން އުޅޭ ކަމަކީ ރައްޔިތުންގެ ފައިސާ އިން ނަގާ ޓެކްސް ބޮޑުކުރުމެވެ. ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން ސަރުކާރުން މަޖިލީހަށް ބިލެއް ހުށަހަޅަން ނިންމާފައިވާއިރު، އެކަމަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ރައްޔިތުންގެ ޖީބަށް ލުއިގޮތްތަކެއް ހަމަޖައްސާނެ ކަމުގެ ވައުދާއެކު ވެރިކަމަށް އައި ސަރުކާރުން ރައްޔިތުންނަށް އިތުރު ބުރައެއް ޖައްސަން އުޅޭތީ ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.