މާލޭގެ އިއްޔެ ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރަނިކޮށް ދަގަނޑެއް މޫނަށް ހެރުނު ބިދޭސީ މީހާގެ ހާލު ވަރަށް ސީރިއަސް ކަމަށް އޭޑީކޭއިން ބުނެފި އެވެ.

އޭޑީކޭއިން ބުނިގޮތުގައި އެ މީހާ އެ ހޮސްޕިޓަލަށް ގެންދިއުމަށްފަހު 8 ގަޑިއިރުގެ ސާޖަރީއެއް ކޮށްފައިވެ އެވެ.

އެ ހޮސްޕިޓަލުން ބުނިގޮތުގައި ބިދޭސީ މީހާގެ ހަށިގަނޑަށް ހެރިފައިވަނީ ތިން ފޫޓުގެ ދަގަނޑު ގަނޑެކެވެ. އަދި ބިދޭސީ މީހާގެ ހާލު އަދިވެސް ވަރަށް ސީރިއަސްކަން ފާހަގަކޮށް އޭޑީކޭއިން ބުނީ، އޭނާއަށް މިހާރު އަންނަނީ އައިސީޔޫގައި ފަރުވާދެމުން ކަމަށެވެ.

މި ހާދިސާގެ މަންޒަރު ދުށް މީހަކު ބުނި ގޮތުގައި ހާދިސާ ހިނގީ ކޮންސްޓްރަކްޝަން މަސައްކަތް ކުރުމުގައި ވައި ގޮޅިން ދަގަނޑުތައް އެރުވުމުގެ ތެރެއިންނެވެ. ވާޖަހައިގެން ދަގަނޑުތައް އެރުވުމުގެ ތެރެއިން ދަގަނޑު ބުރިއެއް ވެއްޓި މަސައްކަތް ކުރަން އުޅުނު ބިދޭސީ މީހާގެ ހަށިގަނޑަށް ހެރުނީ ކަމަށް އޭނާ ބުނެފައިވެ އެވެ.

ބިދޭސީ މީހާއަށް އަނިޔާވެފައިވާ ފޮޓޯތައް ސޯޝަލްމީޑިއާގައި ދައުރުވާން ފަށާފައިވާއިރު، އެ ފޮޓޯތަކުގައި ބިދޭސީ މީހާގެ ނޭފަތަށް ދަގަނޑުގަނޑުގެ ބޮޑުބައެއް ހެރިފައިވާތަން ފެނެ އެވެ. އެ ވަގުތު ގިނަ އަދަދެއްގެ ލޭ ބިދޭސީ މީހާގެ ނޭފަތުން ފައިބާ މަންޒަރު ވެސް ފެނެ އެވެ. އަދި ދެ މަސައްކަތް ތެރިން އޭނާ ހިފަހައްޓާއިގެން ހުރި އިރު، ބިދޭސީ މީހާ ހުރީ އޭނާގެ ބަނޑުގައި އަތް އަޅައިގެންނެވެ.

ދަގަނޑުގަނޑު ހެރި އޭނާގެ ބަނޑުގެ ފޫޅާއި ދިމާލުން ވަނީ ނިކުމެފަ އެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންދިޔަ ވަގުތު ވެސް ގިނަ އަދަދެއްގެ ލޭ ފައިބަމުންދިޔަ ކަމަށްވެ އެވެ.

މާލޭގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރާ އިމާރާތްތަކުންނާއި، އެ މަސައްކަތް ކުރާ ސަރަހައްދުތަކުން އާންމުންނަށާއި، މަސައްކަތުގައި ހަރަކާތްތެރިވާ މީހުންނަށް ފަރުވާކުޑަވުމުގެ ސަބަބުން އަނިޔާ ލިބޭ މައްސަލަތައް މީގެ ކުރިން ވެސް ފެންމަތިވެފައިވެ އެވެ. މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށް އިދާރާ ތަކުން ދަނީ ރައްކާތެރިކަން އިސްކުރުމަށް އިލްތިމާސްކުރަމުންނެވެ.