ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސޯނަމް ކަޕޫރާ އާއި އޭނާގެ ފިރިމީހާ އަނަންދު އަހޫޖާއަށް ފުރަތަމަ ދަރިފުޅު ލިބުނީ މިމަހުގެ 20 ވަނަ ދުވަހު އެވެ.

އެ މީހުންނަށް ފިރިހެން ކުއްޖެއް ލިބުނުކަން ފިޔަވައި މިހާތަނަށް އައިރު އެ ކުއްޖާގެ އެންމެ ވެސް ފޮޓޯއެއް މީޑިއާގައި އަދި އާންމުވެފައެއް ނުވެ އެވެ.

ސޯނަމް އާއި އަނަންދުގެ ދަރިފުޅުގެ ފުރަތަމަ ފޮޓޯއާއެކު އެ މީހުންގެ ދަރިފުޅަށް ކިޔާނަން ވެސް އެ މީހުންގެ އިންސްޓަގްރާމްގައި ވަނީ ހިއްސާކޮށްފަ އެވެ. ދަރިފުޅާއެކު ނަގާފައިވާ ފޮޓޯއާއެކު ކޮށްފައިވާ ޕޯސްޓްގައި ވަނީ އެމީހުންގެ ދަރިފުޅަށް ކިޔަނީ "ވަޔޫ ކަޕޫރް އަހޫޖާ" ކަމަށެވެ.

މީގެ ކުރިން އެމީހުންގެ ދަރިފުޅަށް ލޯބިން ކިޔާނަން ވެސް ވަނީ އާންމުކޮށްފަ އެވެ. އެގޮތުން ލޯބި ކިޔާ ނަމަކީ ސިމްބާ އެވެ.

ސޯނަމްގެ ދަރިފުޅުގެ ފޮޓޯ އާންމުކޮށްފައި މިވަނީ އެއް މަސް ފުރުމުންނެވެ.

ސޯނަމް އާއި އާނަންދު ކައިވެނި ކުރީ 2018 އެވެ.

ވިހެއުމުގެ ކުރިން ސޯނަމް ބުނެފައިވަނީ ދަރިފުޅު އިންޑިއާގައި ބޮޑު ކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ.

ސޯނަމް ބުނީ ދަރިފުޅު ބޮޑުވެގެން އަންނަން ބޭނުން ވަނީ އޭނާ އާއި ކޮއްކޮ ރިއާ އާއި، ހަރްޝްވަރްދަން ކަޕޫރު ބޮޑުވެގެން އައި ގޮތަށް ކަމަށެވެ. އެ މީހުން ބޮޑެތިވީ އާންމުންގެ ތެރޭގައި އުޅެ މަޖާކޮށް މަޝްހޫރު ނޫން އެކުވެރިންނާ އެކު މަގުމަތީގައި ވެސް ގިނަ ވަގުތައް ހޭދަ ކޮށްގެންނެވެ.

އެ ތިން ކުދިން ނޫސްވެރިންނާއި އާންމުންނަށް އަނިލް ކަޕޫރުގެ ދަރިންގެ ގޮތުގައި އެނގުނީ ބޮޑުވި ފަހުންނެވެ.

އިންޑިއާގައި ތިން ދަރިން ބޮޑު ކުރި ނަމަވެސް އަނިލް ކަޕޫރު އެ ކުދިންނާއެކު މީޑިއާ ކުރިމައްޗަށް ނުކުމެފައި ނުވާއިރު ތައުލީމް ފޯރުކޮށްދިނީ މަޝްހޫރު ނޫން ސްކޫލްތަކާއި ޔުނިވާސިޓީތަކާއި ކޮލެޖުތަކުންނެވެ.

އެ ތަންތަނުން އެއްވެސް މަޝްހޫރު މީހެއްގެ ދަރިއަކު ކިޔަވާފައެއް ނުވެ އެވެ. އަދި ކޮލެޖު ދުވަސްވަރު ގޭޓު ކައިރިން ކާރަށް އެރުމަކީވެސް އެ ތިން މީހުން ކުރިކަމެއް ނޫން ކަމަށްވެ އެވެ.