ބިދޭސީންނަށް މިނިމަމް ވޭޖު ދިނުން މުއްދަތެއް ނެތް ގޮތަށް ފަސްކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ހުށަހެޅުން މަޖިލީހުން މިއަދު ފާސްކުރުމާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ބިލު ތަސްދީގުކުރައްވައިފި އެވެ.

މި ބިލު ފާސްކުރީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިއްބެވި 53 މެންބަރުންގެ ތެރެއިން 49 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

ސަރުކާރުގެ ފަރާތުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދު ހުށަހެޅުއްވި ބިލުގައި ބުނެފައިވަނީ ރާއްޖޭގައި މަސައްކަތްކުރާ ފަރާތަކީ ބިދޭސީއެއް ނަމަ، ރާއްޖޭގެ އިގުތިސޯދީ ހާލަތަށާއި ގައުމުގެ ފުދުންތެރިކަމާއި އުފެއްދުންތެރި ކަމަށް ރިއާއަތްކޮށް (މިނިމަންވޭޖް އެޑްވައިޒަރީ) ބޯޑުން މިނިސްޓަރަށް ދޭ ލަފާގެ މަތިން، މިނިސްޓަރު ކުރާ އަމުރަށް ވަޒީފާދޭ ފަރާތްތަކުން އަމަލުކުރަންޖެހޭ ތާރީހެއް ސަރުކާރުން ކަނޑައަޅައި އާންމުކޮށް އިއުލާނު ކުރަންވާނެ ކަމަށެވެ. އެހެންކަމުން ބިދޭސީންނަށް މިނިމަމް ވޭޖް ދޭނެ ތާރީހެއް ކަނޑައެޅުމުގެ ބާރު މި އިސްލާހުން ލިބިދީފައި ވަނީ މިނިސްޓަރަށެވެ.

މި އިސްލާހު ހުށަހެޅި ސަބަބެއްގެ ގޮތުގައި ބިލުގައި ބުނެފައި ވަނީ، ގާނޫނުގައި ކަނޑައަޅާފައިވާ ދެ އަހަރު ދުވަހުގެ މުއްދަތު މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާ އިރު، ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ އިގުތިސޯދީ ހާލަތުގެ ސަބަބުން ރާއްޖޭގެ އިގުތިސޯދަށް ނޭދެވޭ އަސަރު ކޮށްފައިވުމެވެ.

ވަޒީފާ އަދާކުރާ ކޮންމެ މުވައްޒަފަކަށް އެންމެ ކުޑަ އުޖޫރަ ދޭން ޖެހޭގޮތަށް ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ގެނެސް، އެ ގާނޫނަށް އަމަލު ކުރަން ފެށީ 22 ސެޕްޓެމްބަރު 2020 ގަ އެވެ. އެ ގާނޫނުގެ ދަށުން މިދިޔަ ޖެނުއަރީ މަހު އެންމެ ކުޑަ އުޖޫރަ ދޭން ފެށި ނަމަވެސް ބިދޭސީ މުވައްޒަފުންނަށް އެންމެ ކުޑަ އުޖޫރަ ދިނުމަށް ދެ އަހަރު ދުވަހުގެ މުއްދަތެއް ގާނޫނުގައި ވަނީ ހިމަނައިފަ އެވެ.