ބްރެޒިލް ފަހަތަށް ޖައްސާލުމަށް ފަހު ދުނިޔޭގެ އެންމެ ގިނައިން ކޮރޯނާ ވައިރަސްގެ ކޭސްތައް ރިޕޯޓުކުރި ގައުމަކަށް އިންޑިއާ ވެއްޖެ އެވެ.

އޭއެފްޕީ އިން ބަލަހައްޓަމުންދާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެމެރިކާއަށް ފަހު އެންމެ ބޮޑަށް މި ޕެންޑެމިކްގެ އަސަރުކޮށްފައި ވަނީ އިންޑިއާ އަށެވެ.

ޕެންޑެމިކް ފެށުނީއްސުރެ މިހާތަނަށް އިންޑިއާއިން 4.2 މިލިއަނަށް ވުރެ ގިނަ ކޭސް ރިޕޯޓުކޮށްފައިވާއިރު ބްރެޒިލް އިން ރިޕޯޓުކޮށްފައިވާ ކޭސްތަކުގެ އަދަދަކީ 4.12 މިލިއަނެވެ. އެމެރިކާއިން ވަނީ 6.25 މިލިއަން ކޭސް ރިޕޯޓުކޮށްފަ އެވެ.

އިންޑިއާއިން މި ބަލި ޖެހިގެން 71،642 މީހުން މަރުވެފައިވާ އިރު ބްރެޒިލް އިން 126،203 މީހުން ވަނީ މަރުވެފަ އެވެ. މި ބަލީގައި އެންމެ ގިނަ މީހުން މަރުވެފައި ވަނީ އެމެރިކާއިންނެވެ. އެއީ 188،540 މީހުންނެވެ.

ކަމާބެހޭ ގިނަ މާހިރުން ވިދާޅުވާ ގޮތުގައި އިންޑިއާގައި އަދިވެސް އެންމެ އެކަށީގެންވާ ވަރަށް ޓެސްޓް ކުރެވެމުން ނުދެ އެވެ. އަދި މަރުވާ މީހުންގެ ތަފާސް ހިސާބުތައްވެސް ރަނގަޅަށް ބަލަހައްޓަމުން ނުދާ ކަމަށް ވިދާޅުވި އެވެ. އެހެން ކަމުން އެ އަދަދު މިހާރު ރިކޯޑް ކުރެވިފައިވާ ވަރަށްވުރެ އިތުރުވާނެ ކަމަަށް ވަނީ ބެލެވިފަ އެވެ.

1.3 ބިލިއަން މީހުންގެ އާބާދިއެއް އޮންނަ އިންޑިއާގައި އޮގަސްޓް މަހުން ފެށިގެން ދަނީ ކޮންމެ ދުވަހަކު ވެސް ގިނަ އަދަދެއްގެ ކޭސްތައް ރިޕޯޓުކުރަމުންނެވެ. އެގޮތުން ހޯމަ ދުވަހު އެކަނި ވެސް ވަނީ 90،000 އަށް ވުރެ ގިނަ ކޭސް ރިޕޯޓުކޮށްފަ އެވެ.

އިންޑިއާގެ ކޭސްލޯޑް ހަތަރު މިލިއަން ފަހަނަޅާ ދިޔައީ ތިން މިލިއަނަށް އެރިތާ އެންމެ 13 ދުވަހުގެ ތެރޭގަ އެވެ. -ޗެނަލް ނިއުސް އޭޝިއާ