(8 ޑިސެމްބަރު) - ކޮވިޑް-19 ވެކްސިންއަށް ފައިޒާ އަދި ބަޔޯ އެން ޓެކުން އުފެއްދި ވެކްސިންގެ ޓެސްޓް މަރުހަލާގައި 90 ފަސެންޓް ކާމިޔާބުކަމަށް ވަނީ ދައްކާފައިވެ އެވެ. މި ރޯގާ އަވަހަށް ކޮންޓްރޯލް ކުރުމުގެ އުންމީދުގައި ދުނިޔޭގެ ބައެއް ގައުމުތަކުން ވަނީ ވެކްސިން ބޭނުންކުރުމުގެ ހުއްދަ އެގައުމުތަކުގައި ދީފަ އެވެ. ނަމަވެސް މިހާރު އުފެދޭ ސުވާލަކީ މި ކާމިޔާބު ވެކްސިން ދިނުމަށްފަހު ވެސް މާސްކް އަޅައިގެން އުޅެންޖެހޭނީ ކީއްވެތޯ އެވެ.
ފައިޒާ އަދި ބަޔޯ އެން ޓެކުންކުރި ކްލިނިކަލް ޓެސްޓްތަކުން ވެކްސިން ދެވުނު މީހުންގެ ފަރާތުން އެއްވެސް ކަހަލަ ކަންބޮޑުވާންޖެހޭ ވަރުގެ ކަމެއް ފެނިފައިނުވާ ކަމަށް މި ކުންފުނިން އެކުލަވާލި ރިޕޯޓްގައިވެ އެވެ.
އެކަމަކު މާހިރުން ވިދާޅުވީ މި ތަހްލީލްތަކުގައި ބަލާފައިވަނީ ވެކްސިން ދެވުނު މީހުން ވެކްސިން ދެވުނު ފަހުން ބަލިވި ތޯ އާއި އޭގެ އެއްވެސް ސައިޑް އިފެކްޓެއް ފެނުނުތޯ ކަމަށާއި ވެކްސިން ދެވުނު މީހުން ދެވަނަ ފަހަރަށް ބަލިވާނެތޯ ނުވަތަ ނޫންތޯ ނޫން ކަމަށެވެ. އެހެންކަމުން ވެކްސިން ދެވުނު މީހުންގެ ފަރާތުން ބަލީގެ އަސަރު ނުފެނުނަސް ފަހަރުގައި ނޭގި ވައިރަސް ފެތުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.
"ޓެސްޓްތަކުން އެނގެނީ ވެކްސިން ދެވުނު މީހުންގެ ފަރާތުން ބަލީގެ އަސަރު ފެންނަލެއް ވެކްސިން ނުދޭ މީހުންނަށްވުރެ މަދުކަން. އެއްވެސް ވަރަކަށް ނޭގޭ ވެކްސިން ދެވުނު މީހުންގެ ފަރާތުން ވައިރަސް ނުފެތުރޭ ކަމެއް،" މެކްމާސްޓާ ޔުނިވާސިޓީގެ އިންފެކްޝަން ޑިސީސް ސްޕެޝަލިސްޓް އަދި އެސޯސިއޭޓް ޕްރޮފެސަރު ޑޮކްޓަ ޒައިން ޗަގަލާ ވިދާޅުވި އެވެ.
ޓޮރޮންޓޯ ޔުނިވާސިޓީ އަދި އެސްޓީ މައިކަލްސް ހޮސްޕިޓަލްގެ އިންފެކްޝަން ޑިސީސް ކޮންސަލްޓެންޓް އަދި އިމިއުނޮލިޖީ ޕްރޮފެސަރު ޑރ. މާރިއޯ އޮސްޓްރޯސްކި ވިދާޅުވީ ގިނަ ބަޔަކަށް ވެކްސިން ދީގެން ނޫންގޮތަކަށް ވެކްސިން ދެވުނު މީހުންގެ ފަރާތުން ބަލި ފަތުރާކަމެއް ނޭގޭނެ ކަމަށެވެ. އެކަން އެނގޭނެ ހަމައެކަނި ގޮތަކީ ޕޮޒިޓިވް ކޭސްތައް ފެންނަ ރޭޓް ކަމަށް އޭނާ ވިދާޅުވި އެވެ.
"ފުރަތަމަ ގްރޫޕަށް ވެކްސިން ދީނިމުމުން ޕޮޒިޓިވް ކޭސްތައް ފެންނަލެއް މަދުވެއްޖެނަމަ އެވާނެ އެ ބެލިދާނެ ބަލިފެތުރުން ކޮންޓްރޯލް ކުރެވުނީ ކަމަށް. މިހާރު އެންމެ އިސްކަމެއް ދޭންޖެހޭނެ ކަމަށް އަހަންނަށް ފެންނަނީ މީހުން މަރުވާ ރޭޓް މަދުކުރުން" ޕްރޮފެސަރު ވިދާޅުވި އެވެ.
ޑރ. ޗަގަލާ އިތުރަށް ވިދާޅުވިގޮތުގައި ވެކްސިން ދިނުމަށްފަހު ޕޮޒިޓިވް ކޭސްތައް ފެންނަލެއް އިތުރުވިޔަސް ހޮސްޕިޓަލުގައި އެޑްމިޓް ކުރާ މީހުންނާއި އަދި މަރުވާ މީހުންގެ އަދަދު މަދުވާނަމަ ވެކްސިންގެ ސަބަބުން މީހުންގެ ފުރާނައަށް ނުރައްކާވާ މިންވަރު ކުޑަކުރެވޭކަމަށް ގަބޫލު ކުރެވޭނެ އެވެ.
މާހިރުން ލަފާކުރާ ގޮތުގައި ގިނަ ބަޔަކަށް ވެކްސިން ދިނުމަށް އަދިވެސް ވަރަށްގިނަ ދުވަސް ނަގާނެ އެވެ. ގިނަ ބަޔަކަށް ވެކްސިން ދީގެންނޫން ގޮތަކަށް ވެކްސިންގެ ކާމިޔާބުކަން ދެނެގަންނަން ވެސް އުނދަގޫވާނެ އެވެ. އެހެންކަމުން މި ރޯގާއިން ރައްކާތެރިވުމަށް ކުރެވޭނެ ހާވެސް ކަމަކީ މިހާރުވެސް ގައުމުތަކުން ކަނޑައަޅާފައިވާ ސަލާމަތާއި ރައްކާތެރިކަމުގެ މިންގަނޑުތަކަށް ބޯލަނބައި ފަރުދީ ޒިންމާ އަދާކުރުމެވެ. – ސީޓީވީ ނިއުސް