މުކޭޝް އަމްބާނީއަކީ އިންޑިއާގައި ހުރި އެންމެ މުއްސަދި މީހާއަށްވުމުގެ އިތުރަށް ފާހަގަވެގެން ދަނީ ވަރަށް އާއިލީ މީހެއްގެ ގޮތުގަ އެވެ.
ދުނިޔޭގެ އެންމެ މުއްސަނދިންގެ ތެރޭގައި ހިމެނޭ މުކޭޝް އާއި އަންހެނުން ނީތާ އަމްބާނީގެ ތިން ކުދިން ތިބެ އެވެ. އެންމެނަށް ވެސް ހީވެފައި އޮންނަނީ އެ ކުދިން އުޅޭ ބޮޑުވެފައި ހުންނާނީ ވަރަށް ޝާހީ ގޮތަކަށް ކަމަށެވެ. އެހެން ނަމަވެސް ހަގީގަތުގައި އެ ކުދިން ތަރުބިއްޔަތު ކޮށްފައިވަނީ ވަރަށް ހަރުކަށި ކޮށެވެ.
އިންޑިއާގެ އެންމެ މުއްސަދި މީހާއަށްވި ނަމަވެސް މުކޭޝްގެ ދަރިން ސްކޫލަށް ގޮސްފައިވަނީ ލަގްޒަރީ ކާރުތަކުގައެއް ނޫނެވެ. އެ ކުދިން ސްކޫލަށް ދިއުމުގައި ބޭނުންކޮށްފައި ވަނީ އެހެން ކުދިންތަކެކޭ އެއްފަދައިން އާންމު ދަތުރުފަތުރެވެ. ސަބަބަކީ އެ ކުދިން ބޮޑާނުވެ، އާންމު މީހުންނަށް ވުރެ އެކުދިން މޮޅުކަމަށް ނުދެކި، އާންމު މީހުންގެ ދިރިއުޅުން ތަޖުރިބާ ކުރުވުމަށްޓަކަ އެވެ.
ބުނެވޭ ގޮތުގައި ނީތާ އާއި މުކޭޝްގެ ދަރިންނަށް އަރާމުގައި އުޅުމުގެ ފުރުސަތެއް ދީފައެއް ނުވެ އެވެ. އެގޭގައި އެތައްސަތޭކަ މަސައްކަތު މީހުން އުޅޭއިރު ވެސް އެ ކުދިންގެ ކޮޓަރި ސާފުކުރަން ޖެހެނީ އަމިއްލައަށެވެ.
ނީތާގެ އިންޓަވިއުއެއްގައި މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި އޭނާގެ ދަރިން ސްކޫލަށް ދިޔަ އިރު ޕޮކެޓް މަނީގެ ގޮތުގައި ދޭ މިންވަރު ކުޑަކަމުން އެހެން ކުދިން މަލާމާތް ވެސް ކުރާ ކަމަށެވެ.
މުކޭޝް އާއި ނީތާގެ ދަރިންނަށް އަބަދުވެސް ދަސްކޮށްދީފައިވަނީ އެހެން މީހުންނަށް އިހުތިރާމުކޮށް އަމިއްލަ އަށް ޒިންމާ އުފުލުމަށެވެ. އަދި ބޭކާރުގޮތުގައި ފައިސާ ހަރަދުނުކޮށް އިގްތިސާދުކުރަން ދަސްކޮށްދީފައިވެ އެވެ. އެކުދިންގެ ޕޮކެޓް މަނީގެ ގޮތުގައި ފަސް ރުޕީސް ދިން ސަބަބަކީ މިއީ އެވެ.
ނީތާ ބުނި ގޮތުގައި އެއްފަހަރަކު އެމީހުންގެ ދަރިފުޅު އަނަންތު އަތުގައި ޕޮކެޓް މަނީ މަދުކަމުން އޭނާގެ ރަހުމަތްތެރިން ވަނީ "ތިއީ އަމްބާނީއެއް ތަ ނޫނީ ސަލާންޖަހާ މީހެއް" ހޭ ބުނެ މަލާމާތްކޮށްފަ އެވެ.
ނީތާ އަމްބާނީ ވެސް ނިސްބަތްވަނީ މެދު ފަންތީގެ އާއިލާއަކަށެވެ. ނިތާ ކުޑައިރު ބޭރަށް ނުކުތުމުގެ ހުއްދައެއް ވެސް ނޯވެ އެވެ. އޭނާގެ ސްކޫލް ދައުރުގައި ދަތުރުކޮށްފައިވަނީ ރޭލާއި ބަސްތަކުގަ އެވެ.
ނީތާ ބޮޑުވެގެން ވާން ބޭނުންވީ ޓީޗަރަކަށެވެ. އެހެން ނަމަވެސް ނަސީބު އަތުގައި ހިފާ އޭނާއަށް ކައިވެނި ކުރެވުނީ އިންޑިއާގެ އެންމެ މުއްސަދި މީހާއާ އެވެ.