އެކްތާ ކަޕޫރް ޕްރޮޑިއުސްކޮށް، ޑިޝާ ޕަޓްނީ ލީޑް ރޯލް ކުޅޭ ފިލްމު "ކޭޓީނާ" ގެ ފަސްޓްލުކް 2019 ވަނަ އަހަރު ވަނީ އާންމުންނަށް ދޫކޮށްލާފަ އެވެ. އެހެން ނަމަވެސް ފަސްޓްލުކަށް ފަހު މިފިލްމާ ބެހޭ ގޮތުން ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.

ބޮލީވުޑް ހަބަރުތައް ގެނެސްދޭ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެކްތާގެ "ކޭޓިނާ" ލީޑްރޯލުން ޑިޝާ ޕަޓްނީގެ ބަދަލުގައި އެހެން ތަރިއެއް ގެނައުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރު އެކްތާ އަންނަނީ ކުރިއަރަމުން އަންނަ ބަތަލާ އަނަންޔާ ޕަންޑޭ އާއި ނޫޝްރަތު ބާރޫޗާ ވާހަކަ ދައްކަމުންނެވެ.

ނުޝްރަތަކީ ވެސް ކުރިން އެކްތާގެ ފިލްމުތަކެއްގައި މަސައްކަތްކޮށްފައިވާ ތަރިއެކެވެ. އެއީ 2019 "ޑްރީމް ގާލް" އާއި ގެ 2010 ގައި ޑައިރެކްޓަރު ދިބާކަރް ބެނަޖީ ގެނެސްދިން "ލަވް، ސެކްސް އޯރް ދޯކާ" އެވެ.

އަނަންޔާއަކީ އެކްތާ ޕްރޮޑިއުސްކޮށް އަންނަ އަހަރު ގެނެސްދޭން ހަމަޖެހިފައިވާ "ޑްރީމް ގާލް 2" ގެ ބަތަލާ އެވެ.

މި ދެ ބަތަލާއިންގެ ތެރެއިން "ކޭޓީނާ"އަށް ވަނީ ކޮން ތަރިއެއް ކަމެއް އެކްތާ އަދި ހާމަކޮށްފައިނުވެ އެވެ.

"ކޭޓީނާ" އަކީ "ޑްރީމް ގާލް" ގެ ޑައިރެކްޓަރު ރާޖް ޝާންޑަލިއާގެ ސްކްރީންޕްލޭއަކަށް އާޝިމާ ޗިބާރް ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ފިލްމެކެވެ. ނަމަވެސް މި ފިލްމަށް ކުރިން ނެގި ޑިޝާގެ ބަދަލުގައި އެހެން ބަތަލާ އެކު ފިލްމަށް ގެންނަން ނިންމި ސަބަބެއް ސާފެއް ނޫނެވެ.

ޑިޝާގެ އެންމެ ފަހުގެ ފިލްމަކީ ޖުލައިގައި ގެނެސްދިން "އޭކް ވިލަން ރިޓާންސް" އެވެ.