މުދަލު ޒަކާތު ވާޖިބުވާ ނިސާބު އިސްލާމިކް މިނިސްޓްރީން ކުޑަ ކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން މުދަލު ޒަކާތުގެ ނިސާބުގެ ގޮތުގައި މިމަހުގެ 20 ވަނަ ދުވަހުން ކަނޑައަޅާފައިވަނީ 5,777.45 ރުފިޔާ ކަމަށް ކަނޑައަޅައިފަ އެވެ. މީގެ ކުރިން މި އަހަރުގެ ޖޫންމަހު ކަނޑައަޅާފައިވާ ނިސާބުގެ އަދަދަކީ 6،396.25 ރުފިޔާ އެވެ.

ރާއްޖޭގައި މުދަލުގެ ޒަކާތް ވާޖިބުވާ ނިސާބު ބަލަނީ ރިހީގެ އަގުންނެވެ. އެހެންކަމުން ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލާއި ގުޅިގެން މުދަލުގެ ޒަކާތް ވާޖިބުވާ ނިސާބަށް ދަނީ ބަދަލު ގެންނަމުންނެވެ. ނިޞާބު ހަމަވާ އަދަދަށް އަތުގައި ނުވަތަ ބޭންކްގައި ފައިސާ ހުރިނަމަ ހިޖުރީ ގޮތުން އަހަރެއްވުމުން އޭގެ 2.5 އިންސައްތަ މުދަލު ޒަކާތުގެ ގޮތުގައި ނެރުން ވާޖިބުވާނެ އެވެ.

މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިސާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ވާޖިބެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލުގެ ޒަކާތް ދެއްކޭނެ އެވެ.

މީރާގެ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ އަށް މަސްދުވަސްތެރޭ މުދަލުގެ ޒަކާތުގެގޮތުގައި ވަނީ 64 މިލިއަން ރުފިޔާ ލިބިފަ އެވެ.