ގިނަ ބަޔަކާ އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ހައްޔަރު ކޮށްފައިވާ، ބަންގްލާދޭޝްގެ އަލަމްގީރުގެ މައްޗަށް އުފުލި އޮރިޔާ ކާޑު ހެދުމުގެ 40 ދައުވާއަކަށް އޭނާ މިއަދު ކްރިމިނަލް ކޯޓުގައި އިއުތިރާފުވެއްޖެ އެވެ.

އެއް ޖިންސުން ގުޅުން ހިންގުމަށްފަހު އެ މަންޒަރު ވީޑިއޯ ކުރަމުންދިޔަ އަލަމްގީރުގެ ވީޑިއޯތައް ލީކުވީ މީގެ ތިން މަސް ކުރިންނެވެ.

އަލަމްގީރުގެ މައްޗަށް އުފުލާފައިވަނީ އޮރިޔާން ކާޑު ހެދުމުގެ 40 ދައުވާ އެވެ. އޭނާއަށް އެ ދައުވާތައް ކޮށްފައި ވަނީ މީގެ ކުރިން އޭނާގެ މައްޗަށް އުފުލާފައިވާ އެއްޖިންސުން ގުޅުން ހިންގުމުގެ ކުށުގެ ތިން ދައުވާއެއް ސާބިތުވެފައިވަނިކޮށެވެ. އަދި އޭނާ ހަތް މަހަށް ޖަލަށް ލާން ހުކުމްކޮށްފައިވަނިކޮށެވެ.

އޮރިޔާން ކާޑު ހެދުމުގެ ދައުވާގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން މިއަދު ކުރިއަށް ގެންގޮސްފައިވަނީ ސިއްރުކޮށްގެންނެވެ. މިއަދުގެ އަޑުއެހުމުގައި އަލަމްގީރު ކުށަށް އިއުތިރާފުވުމުން ދެން އޮންނާނީ އެ މައްސަލައިގައި ހުކުމް ކުރުމެވެ.

ވީޑިއޯތަކުގެ މައްސަލައިގައި އަލަމްގީރު ހައްޔަރު ކުރުމުން އޭނާ ވަނީ ކުށަށް އެއްބަސްވެ ދައުލަތާއެކު އިއުތިރާފު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

އަލަމްގީރުގެ ވީޑިއޯތަކުގައި ހިމެނޭ ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރާއި ފުލުހުންގެ ވަޒީފާއެއްގައި ހުރި މ.ރަތްމަންދޫ, ޖަވާހިރުވާދީ، އަބްދުއްރަހްމާނު ރަފީއު އަށް ވެސް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އެ މައްސަލައިގައި ނާޒިމް ތިން މަސް ދުވަހަށް ގޭގައި ބަންދު ކުރުމަށް ހުކުމް ކުރިއިރު ރަފީއުގެ މައްޗަށް އިއްވީ އެއް އަހަރާއި ދެ މަސް ދުވަހުގެ ޖަލު ހުކުމެކެވެ