ހުޅުމާލެ ފޭސް ދޭކުން ގެއްލިގެން ހޯދަމުންދާ މުހައްމަދު އަޒުހާން އެންމެ ފަހުން ފެނިފައިވަނީ ހިޔާ ފްލެޓްކައިރިން ކާރަކަށް އަރަނިކޮށް ކަމުގައި ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނެފައިވަނީ ހުޅުމާލެ ފޭސް ދޭކުން ގެއްލިގެން ހޯދަމުންދާ ކ. މާލެ / ހ. ބޮނޑިކަނދޮޅުގެ، މުހައްމަދު އަޛުހާން ހޯދުމުގެ މަސައްކަތް އަދިވެސް ފުލުހުން ކުރަމުންދާ ކަމަށެވެ.

މިހާތަނަށް ފުލުހުން ކުރި މަސައްކަތުން މުހައްމަދު އަޛުހާން އެންމެ ފަހުން ފެނިފައިވަނީ ސެޕްޓެމްބަރ މަހުގެ 18 ވަނަ ދުވަހު ފަތިހުގެ ހިޔާ ފްލެޓް 13 ވަނަ ޓަވަރު ކައިރިން ކަމަށާއި، އެގޮތުން ފުލުހުން އެސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތައް ބެލިބެލުމުން އެދުވަހުގެ 04:53 އެހާކަންހާއިރު ހުދުކުލައިގެ ކާރަކަށް އަރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އިތުރު ފުޓޭޖުތައް ބަލައި، ކާރު ދެނެގަތުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ވަނީ އަޒުހާން އެރި ކާރުގެ ފޮޓޯއެއްވެސް ހިއްސާކޮށްފަ އެވެ.

ފުލުހުން އާންމު ކޮށްފައިވާ ކާރުގެ ފޮޓޯ–

އަޒުހާންއާ އަދި ހިޔާ ފްލެޓް ސަރަހައްދުން ފޮޓޯއިން ފެންނަ ހުދުކުލައިގެ ޓެކްސީއެއް ފެނިފައިވާ ފަރާތެއްވާނަމަ ނުވަތަ މިމަހުގެ 18 ވަނަ ދުވަހު ފަތިހު ހިޔާ ފްލެޓް 13 ވަނަ ޓަވަރު ކައިރިން ދަތުރެއް ނަގާފައިވާކަމަށް ބެލެވޭނަމަ ޑްރައިވަރު އެކަން ލަސް ނުކުރައްވައި ހުޅުމާލެ ޕޮލިސް ފޭސް ދޭއް އިންވެސްޓިގޭޝަން ނަންބަރު 9393351 ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅައި ހިއްސާ ކުރުމަސް ވަނީ އެދިފައެވެ.