ކްރިތީ ސަނޯން އާއި ޕްރަބާސްގެ އިތުރުން ސައިފް އަލީ ޚާން އެކީގައި ކުޅޭ ފިލްމު "އަޑިޕުރުޝް" އަކީ ގިނަ ބަޔަކު މި ވަގުތު އެންމެ އިންތިޒާރު ކުރަމުންދާ އެއް ފިލްމެވެ.

ހިންދޫ ދީނުގެ ވާހަކަތަކަށް ބިނާކޮށް އެ ފިލްމު ކުޅޭއިރު، ފިލްމުގެ ބަތަލެއްގެ ރޯލު ކުޅޭނީ ޕްރަބާސް އެވެ. އަދި ބަތަލާގެ ރޯލު ކުޅޭނީ ކްރިތީ އެވެ.

އެއާއެކު ފޭނުން ތިބީ އެ ދެ ތަރިން ޖޯޑެއްގެ ގޮތުގައި ސިނަމާގައި ފެންނާނެ އިރެއްގެ އިންތިޒާރުގަ އެވެ. އެގޮތުން އެ ފިލްމުގެ ޓީޒާ އަންނަ މަހުގެ ދެ ވަނަ ދުވަހު އާންމުންނާ ހަމައަށް ގެނެސް ދޭނެ ކަމަށް ފިލްމުުގެ ޕްރޮޑަކްޝަނުން ވަނީ ބުނެފަ އެވެ. އަދި ފިލްމުގެ ޓީޒާ އެންމެ ފުރަތަމަ ފެނިގެންދާނީ އުއްތަރް ޕްރަދޭޝްގައި ހުންނަ "އަޔޯދްޔާ"ގައި ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ.

ފިލްމްގެ ޝޫޓިންގެ ބައެއް މަސައްކަތް ނުނިމުނު ނަމަވެސް، މިހާތަނަށް ފަންނާނުންގެ މަސައްކަތް ވަރަށް ފުރިހަމަ ކަމަށް ފިލްމުގެ ޕްރޮޑަކްޝަނުން ބުނެފައިވެ އެވެ.

އެ ފިލްމު މީގެ ކުރިން ނެރުމަށް ހަމަޖެހިފައި އޮތީ އަންނަ އޮގަސްޓު މަހުގަ އެވެ. އެހެން ނަމަވެސް އެ ފިލްމް ރިލީޒްކުރާ ތާރީހު މިހާރު ވަނީ އަންނަ އަހަރުގެ ޖެނުއަރީ އަށް ބަދަލުކޮށްފަ އެވެ.