ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ރަންބީރު ކަޕޫރާއި އާލިއާ ބަޓް އެކީގައި ފެނިގެންދާ ފުރަތަމަ އަދި ކާމިޔާބު ފިލްމު "ބްރަހްމަސްތްރާ" ގެ ދެވަނަ ބައެއް ނެރޭނެ ކަމަށް ފިލްމުގެ ޑައިރެކްޓަރު އަޔާން މުކަރްޖީ ބުނެފި އެވެ.

ފިލްމު ކާމިޔާބަކަށްވީ ނަމަވެސް އެ ފިލްމަށް ފާޑުކިޔުން އަމާޒުކުރާ ފަރާތްތައް އަދިވެސް މަދެއް ނުވެ އެވެ.

އެގޮތުން ފިލްމުގެ ޑައިލޮގްތަކަށާއި، ފިލްމުގެ ސްކްރިޕްޓް ހަދާފައިވާ ގޮތާ ގުޅިގެން ގިނަ ބަޔަކު ވަނީ ފިލްމަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.

މިކަމާ ގުޅިގެން އަޔާން ބުނީ، އޭނާ އަލުން އެ ފިލްމުގެ ދެވަނަ ބައެއް ނެރޭނެ ކަމަށެވެ. އަދި ފިލްމުގެ ދެވަނަ ބައި ނެރޭއިރު، ޑައިލޮގްތައް ވަރަށް ބޮޑަށް ރަނގަޅު ކުރާނެކަމަށް އޭނާ އާންމުންގެ ގާތުގައި ވައުދުވެފައިވެ އެވެ.

އަޔާން ބުނިގޮތުގައި ފިލްމުގެ ފުރަތަމަ ބަޔަށް ބޮޑު ކާމިޔާބީއެއް ލިބުނު މައިގަނޑު ސަބަބަކީ އޭގެ ޕްލޮޓް ރަނގަޅުވެފައި، އޭގައި އިންޑިއާގެ ފިލްމަކުން ކުރިން ފެނިފައި ނުވާ ފަދަ މޮޅު ވީއެފްއެކްސް ފެނުމުންނެވެ.

އެގޮތުން ބްރަހްމާސްތުރާ ފިލްމު އެޅުވި ހަފްތާ ނިމިނުއިރު އިންޑިއަން ބޮކްސް އޮފީހުގައި ގާތްގަނޑަކަށް 120 ކްރޯޑް ރުޕީސްގެ އާމްދަނީއެއް އެ ފިލްމަށް ލިބިފައިވެ އެވެ.

މިއީ އެންމެ ބޮޑު އާމްދަނީއެއް ފިލްމު އެޅުވި ހަފްތާގައި ލިބުނު އެއް ހިންދީ ފިލްމެވެ.