އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް އެކުލަވާލުމުގެ މަސައްކަތްތައް ކުރިއަށް އެބަދާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ޢަލީ މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ތޯރިގް ކުރެއްވި ސުވާލަށް ދެއްވި ޖަވާބުގަ އެވެ.
މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތާ ގުޅިގެން އިސްލާމިކް މިނިސްްޓްރީން ފުލުހުންނަށް ފޮނުވި ސިޓީގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް މިއަދު ވަނީ މިނިސްޓަރު ޒާހިރު ހާޒިރުކޮށްފަ އެވެ.
ކޮމިޓީގެ ބައްދަލުވުމުގައި ތޯރިގުވަނީ ފުލުހަށް އެ މައްސަލާގައި އިސްލާމިކް މިނިސްޓްރީން ފޮނުވި ސިޓީގައި ހިމެނޭ މައުލޫމާތުގައި ނުރަނގަޅު ވާހަކައެއް ހިމެނޭތޯ މިނިސްޓަރާ ސުވާލުކުރައްވާފަ އެވެ. އަދި ފަތުވާ މަޖިލީހުގެ ގިނަ މެންބަރުންގެ މުއްދަތު ހަމަވެފައިވާއިރު ފަތުވާ މަޖިލިސް އެކުލަވައިލުމުގެ މަސައްކަތް ނުކުރައްވަނީތޯވެސް ސުވާލުކުރެއްވި އެވެ.
އެ ސުވާލުތަކާ ގުޅިގެން އިސްލާމިކް މިނިސްޓަރު ވިދާޅުވެފައިވަނީ ޔޯގާގެ މައްސަލައަކީ 2015 ވަނަ އަހަރުން ފެށިގެންވެސް އިލްމުވެރިންގެ މެދުގައި ދެބަސްވުން އޮތް މައްސަލައެއް ކަމަށެވެ. އެގޮތުން ބައެއް އިލްމުވެރިން ޔޯގާއަކީ ހަރާމްކަމެއް ކަމުގައި ވިދާޅުވާއިރު އަނެއްބައި އިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ޔޯގާއަކީ ކަނޑައެޅިގެން ހަރާމްކަމެއް ކަމުގައި ނުބުނެވޭނެ ކަމަށެވެ.
''ފަތުވާ މަޖިލިސް އެކުލަވައިލުމުގެ މަސައްކަތްތައް ކުރިއަށް އެބަ ގެންދަވާ. އެނގިވަޑައިގަންނަވާނެ ފިގުހު އެކަޑަމިީއެއް އެކުލަވައިލުމުގެ މަސައްކަތް މި ކުރިއަށް ގެންދަނީ. ގެންދާއިރުގަ އެ އެކުލަވައިލެވެންދެން ވެސް ފަތުވާ މަޖިލީހުގެ މެންބަރުން އައްޔަން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވަނީ.'' މިނިސްޓަރު ވިދާޅުވި އެވެ.
ދީނީ އެއްބައިވަންތަކަން ހިޔާމަތްކުރުމުގެ ގާނޫނުގައިވާ ގޮތުން ފަތުވާ މަޖިލީހަށް މެމްބަރުން އެކުލެވިގެން ވަނީ ރައީސް އައްޔަން ކުރާ ހަތަރު މެންބަރަކާއި މިނިސްޓަރުގެ ލަފާ މަތިން އައްޔަން ކުރާ އެއް މެންބަރުގެ މައްޗަށެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ފަތުވާ މަޖިލީހަށް އާ މެންބަރުން އައްޔަންކޮށްފައެއް ނުވެ އެވެ. އެ މަޖިލީހަށް މެމްބަރުން އައްޔަން ކުރަނީ ފަސް އަހަރަށް ކަމަށް ވާއިރު، އެންމެ ފަހުން މެންބަރުން އައްޔަންކުރި ފަހުން ދައުރު ހަމަނުވެ މިހާރު ހުންނެވީ އެމަޖިލީހުގެ ރައީސް ޑރ. މުހައްމަދު ރަޝީދު އިބްރާހިމް އެކަންޏެވެ.