ގެއްލިފައިވާ ހައްގުތައް ހޯދުމަށާއި ހައްގު މިންވަރު ހޯދަން ބޮޑު ކަންނެލީގެ މަސްވެރިކަންކުރާ މީހުން މިއަދު ނުކުމެއްޖެ އެވެ.
މިއަހަރުގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތާ ދިމާކޮށް ބޮޑު ކަންނެލި މަސްވެރިންގެ ޖަމްޢިއްޔާ އިފްތިތާޙުކޮށް، ހައްގު ހޯދުމަށް ވަނީ ނިކުމެފަ އެވެ.
ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އިފްތިތާހު ކޮށްފައިވަނީ ގުޅިފަޅުގަ އެވެ. މި ހަރަކާތުގައި ބޮޑު ކަންނެލީގެ މަސްވެރިކަމުގައި އުޅޭ 100 އަށްވުރެ ގިނަ ދޯނި ބައިވެރިވެ އެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ ޔޫނިއަންގެ ފަރާތުން ކުރީގެ ގޯލްކީޕަރު މިހާރު ބޮޑު ކަންނެލީގެ މަސްވެރި ކަމުގައި އުޅުއްވާ އިމްރާން މުޙައްމަދު ބުނީ ބޮޑު ކަންނެލި މަސްވެރިންނަކީ ހުރިހާ ސަރުކާރު ތަކުންވެސް ބާކީ ކޮށްލާފައިވާ ބައެއް ކަމަށެވެ. އެހެންކަމުން ހުރިހާ ބާވަތެއްގެ މަސްވެރިންނަށް ވެސް ލިބެންޖެހޭ ފުރިހަމަ ހައްގުތައް ދިނުމަށް އޭނާ ގޮވާލި އެވެ. އަދި މަސްވެރިންގެ ހައްގު ކަށަވަރު ކުރުމަށް ހުރިހާ މަސްވެރިން އެކުއެކީގައި ނުކުންނަން ޖެހޭ ކަމަށް ވެސް އިމްރާން ބުންޏެވެ.
"ކޯވިޑް-19 އާއިއެކީ މުޅި ޓުވަރިޒަމް ވަނީ ހުއްޓިފަ. މަސްވެރިން ކުރި މަސައްކަތުން މިއަދު ރާއްޖެ ކޮޅަށް ޖެހުނީ. މިޙާލަތުގައި ހާލަތުގައި ލޯބޯ ފިއްސާގައި ހަމައެކަނި މަސައްކަތް ކުރީ މަސްވެރިން. ރޭގަނޑާއި ދުވާލު މަސައްކަތް ކުރީ މަސްވެރިން. މިކަންކަން ނުފެންނަނީތޯ؟" އޭނާ ބުންޏެވެ.
ޢިމްރާން ބުނީ މިކަމުގައި "ލައްކަ ތަނަކަށް ދުވިއްޖެ" ކަމަށާއި އެދެވޭ ޖަވާބެއް މިއަދާއި ހަމަޔަށްވެސް ނުލިބުނު ކަމަށެވެ.
"މަސްވެރިންނާއި ނުލައި އެއްވެސް ބަޔަކަށް ވެރިކަމަކަށް ނާދެވޭނެ. މަސްވެރިންނަށް ވައުދުވެ ވެފައިވާ ވައުދުތައް ފުއްދޭ ތަނެއް ނުފެނޭ. މިކަންކަމާއި ވަކާލާތު ކުރަން އަޅުގަނޑުމެން ނިކުންނަނީ. އަޅުގަނޑުމެންނަށް އެގޭ މިކަމުގައި ހުރި ގޮންޖެހުންތައް. ސިޔާސީ ގޮތުންނާއި އެނޫން ގޮތްގޮތުން އަންނާނެ ހުށަހެޅުންތައް،" އޭނާ ބުންޏެވެ.
މަސްވެރިންގެ ދުވަސް މިއަދު ފާހަގަކުރާއިރު މަސްވެރިން ތިބީ ނުހަނު ބޮޑު ކަންބޮޑު ވުމެއްގެ ތެރޭގައި ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ. އެގޮތުން ބާނާ މަސްކޮޅު ނުކިރުމާއި، ކިރަން އެތައް ދުވަހެއް ނެގުމާއި ކުރާ މަސައްކަތަށް އެކަށީގެންވާ އުޖޫރައެއް ނުލިބުމާއި ތަކެތީގެ އަގު ބޮޑުވުންފަދަ އެތައް ކަމެއް ހުރިކަން އެ ޖަމްޢިއްޔާއިން ފާހަގަކުރެ އެވެ. އަދި މަސްވެރި ކަމުގެ ސިނާއަތް ނެތިދުއުމުގެ ބިރު ހީވެފައިވާ ކަމަށް ވެސް އެ ޖަމްޢިއްޔާއިން ބުނެ އެވެ.
ބޮޑު ކަންނެލި މަސްވެރިންނާއި ރާއްޖޭގެ އެންމެހާ މަސްވެރިން މިވަގުތު ތިބީ ވަރަށް މާޔޫސްކަންމަތީގައި، ކެތްތެރިކަމާއި އެކު ކަން ކަން ރަނގަޅު ވާނެ ކަމުގެ އުއްމީދުގައި ކަމަށާއި އިތުރަށް މަސްވެރިން މާޔޫސް ވާގޮތަށް ކަންކަން ނުކުރެއްވުމަށް ވެސް އެ ޖަމިއްޔާއިން ގޮވާލަ އެވެ.
މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް އަޑު އިއްވަން ސުލްހަވެރި ދޯނިބުރެއް ވެސް މިއަދު މާލެ ސަރަޙައްދުގައި ބޭއްވުމަށްވަނީ ހަމަޖެހިފަ އެވެ.