އެކި ހަރަކާތްތައް ބޭއްވުމަށާއި، މުނާސަބާތައް ފާހަގަކުރުމަށް ސްކޫލްތަކުގައި ބާއްވާ ހަރަކާތްތައް އިންތިޒާމްކުރާއިރު، ބެލެނިވެރިން އަތުން ކުރާ ހޭދަ މަދުކޮށް، ބެލެނިވެރިން އަތުން ފައިސާ ހޯދައިގެން ހަރަކާތްތައް ނުބޭއްވުމަށް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އަންގައިފި އެވެ.

މިކަން ފާހަގަކޮށް އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީ، ވަނީ ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް އިއްޔެ ސިޓީއެއް ފޮނުއްވާފަ އެވެ. އަދި އެ ސިޓީގައި އެކިއެކި ހަރަކާތްތަކާއި މުނާސަބާތައް ފާހަގަކުރުމަށް ބެލެނިވެރިންގެ އަތުން ބޮޑު ހޭދައެއް ކުރަންޖެހޭކަން މިނިސްޓަރު ފާހަގަކުރައްވާފައިވެ އެވެ.

އޭގެ އިތުރުން ބެލެނިވެރިން މެދުވެރިކޮށް އެހީގެ ގޮތުގައި ސްކޫލްތަކުން ފައިސާ ހޯދައި ބެލެނިވެރިން އަތުން ބޮޑު ހޭދަތަކެއް ކުރުމަކީ އެ މިނިސްޓްރީން އެއްވެސް ވަރަކަށް ތަރުހީބުދޭ ކަމެއް ނޫން ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލްތަކުން އެފަދައިން އަމަލު ކުރުމުން، ގިނަ ބެލެނިވެރިންގެ ޝަކުވާތައް މިނިސްޓްރީއަށް ލިބޭކަން ފާހަގަކޮށްފަ އެވެ.

"ސްކޫލްތަކުން ރާވާ ހިންގޭ ކޮންމެ ހަރަކާތަކީ އެ ކަމުގެ ސީދާ މަންފާ ދަރިވަރުންނަށް ކުރާ ގޮތަށް ހިންގާ ހަރަކާތަަކަށް ހެދުމާއި ބެލެނިވެރިން ދަރިވަރުންނަށް ޓަކައި ކުރާ ކޮންމެ ހޭދައަކީ އެ ކަމުގެ ސީދާ އަސަރު ދަރިވަރުންނަށް ކުރާ ކަމަކަށް ހެދުމަށް މި މިނިސްޓްރީން އަބަދުވެސް ބާރު އަޅަމެވެ." އެމިނިސްޓްރީން ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.

ސްކޫލްތަކުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށްޓަކައި ބެލެނިވެރިންގެ އަތުން ބޮޑު ހޭދައެއްދާކަމީ ބެލެނިވެރިން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރާ ކަމެކެވެ. އެގޮތުން ކޮވިޑާއި ގުޅިގެން ދުނިޔޭގެ އިގްތިޞާދަށް އަސަރުކޮށްފައިވާ މިފަދަ ދަނޑިވަޅެއްގައި ހަރަދު ކުޑަކޮށްގެން ތައުލީމީ ނިޒާމު ކުރިއެރުވުމަކީ ދަރިވަރުންނަށް ނަމޫނާ ދެއްކިދާނެ ކަމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރައްވާފައިވެ އެވެ.