ބޮލީވުޑްގައި ބޮޑު މަޝްހޫރު ކަމެއް ހޯދާފައިވާ ތަރި ދީޕިކާ ޕަޑުކޯން އަކީ އެންމެ ކާމިޔާބު ތަރިންގެ ތެރޭގައި ހިމެނޭ ތަރިއެކެވެ. އަދި އެ ކާމިޔާބީއާ ހަމައަށް ވާސިލުވާން އޭނާ ކުރި މަސައްކަތަކީ ދޭތެރެއިން ދީޕިކާ އޭނާގެ ފޭނުންނާއި ހިއްސާކުރާ ވާހަކަތަކެކެވެ.

އެގޮތުން ދާދި ފަހުން ދީޕިކާ ވަނީ އިންޑިއާގެ މެގަޒިންއަކަށް ދިން އިންޓަވިއުއެއްގައި ކާމިޔާބީއާ ހަމައަށް ވާސިލްވުމަށްޓަކައި އޭނާ ކުރި މަސައްކަތާއި އޭގެ ފަހަތުގައިވާ ސިއްރު ހާމަކޮށްފަ އެވެ.

ދީޕިކާ ބުނިގޮތުގައި އޭނާ މިއަދު ހުރި މަގާމަށް ވާސިލްވުމުގައި އެންމެ ބޮޑު ރޯލެއް ކުޅުނީ އޭނާއަށް ކުރިމަތިވި ޑިޕްރެޝަން އެވެ.

މިކަމާ ގުޅިގެން ވާހަކަ ދައްކަމުން ދީޕިކާ ބުނީ، ޑިޕްރެޝަނަށް ގޮސް އޭނާއަށް އެންމެ އުނދަގޫވީ، މީހުންނާއި މުހާތަބު ކުރަން ކަމަށެވެ. އަދި ސަބަބަކީ، މީހުންނަށް އޭނާގެ ހާލަތު އިހުސާސް ނުވުން ކަމުގައި ދީޕިކާ ބުނެފައިވެ އެވެ. އެ ހުރިހާ ކަމެއް ފެށުނީ އެއް ދުވަހެއްގެ ހެނދުނު އޭނާ ހޭލި ވަގުތު އިހުސާސްވި މާޔޫސް ކަމަކުން ކަމަށާއި، އޭގެ ފަހުން އޭނާ އެއްވެސް ކަމެއް ކުރަން ހިތްވަރު ނުހުންނަ ކަމަށާއި، ނިދިން ހިތްހަމަ ޖެހުން ހޯދަން މަސައްކަތް ކުރެވުނު ކަމަށް ދީޕިކާ ބުނެފައިވެ އެވެ.

އެހެން ނަމަވެސް ދީޕިކާ، އޭނާއަށް ކުރިމަތިވި ޑިޕްރެޝަންއާ ހަނގުރާމަކުރި ކަމަށާއި، އެއީ އޭނާ ކަންކަމަށް ހޭލުންތެރި ކުރުވުމުގައި ބޮޑު ރޯލެއް އަދާކުރި ކަމެއް ކަމުގައި އޭނާ ބުންޏެވެ. އަދި އެކަމުގެ ސަބަބުން އޭނާގެ ހަޔާތުގައި ދިމާވާ އެކި ކަންކަމާއި ކެތްތެރިކަމާ އެކު ކުރިއަށް ދިޔަ ކަމަށާއި، މުހިންމު ނިންމުންތައް ނިންމުމުގައި ސަމާލުވިކަމަށް ދީޕިކާ ބުނެފައިވެ އެވެ.

ނަތީޖާއަކަށްވީ އެކަމުން އޭނާއަށް ކުރިއެރުން ލިއްބައިދިނުން ކަމުގައި ދީޕިކާ ބުނެފައިވެ އެވެ.

ދީޕިކާ ވަނީ އިންޑިއާގައި ނަފްސާނީ ބައްޔަށް އިތުރަށް މީހުން ހޭލުންތެރިކުރުމަށް ފައުންޑޭޝަންއެއް އުފައްދައިފަ އެވެ. އަދި އޭނާ ދަނީ ހުރިހާ ޕްލެޓްފޯމެއްގައި ވެސް އެކަމުގެ މައުލޫމާތު އާންމުންނާއި ހިއްސާކޮށް، ހޭލުންތެރި ކުރުވަމުންނެވެ.