ބޮލީވުޑްގެ ކާމިޔާބު ފިލްމުތަކެއް ކުޅެދީ، ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ރިތިކް ރޯޝަނަކީ އެންމެ މަސައްކަތްތެރި އިންސާނާ ކަމަށް އޭނާގެ ލޯބިވެރިޔާ ސަބާ އާޒާދު ބުނެފި އެވެ.

ރިތިކް އެންމެ ފަހުން ފެނިގެންދިޔަ ފިލްމު ކަމަށްވާ 'ވިކްރަމް ވޭދާ' ގައި މޮޅު އެކްޓެއް ދައްކައިދިންކަން ފާހަގަކޮށް ސަބާ އޭނާގެ އިންސްޓަގްރާމު ސްޓޯރީގައި އާންމުކުރި ޕޯސްޓެއްގައި ވަނީ ރިތިކަކީ އޭނާ ދަންނަ އެންމެ މަސައްކަތްތެރި އިންސާނާ ކަމަށް ބުނެފަ އެވެ.

އޭނާ މިހާރު އެ ފިލްމު ދެފަހަރަށް ބަލައިފި ކަމަށާއި އިތުރަށް ވެސް ބަލާނެކަމަށް ސަބާ ބުނެފައިވެ އެވެ. ސަބާ ވަނީ އޭނާއަށް ފިލްމު ވަރަށް ބޮޑަށް ކަމުދިޔަ ކަމަށް ބުނެފަ އެވެ.

ސަބާ އާއި ރިތިކަކީ ފަހަކަށް އައިސް ބޮލީވުޑްގައި އެންމެ ބޮޑަށް އެބައެއްގެ ވާހަކަދެކެވޭ އެއް ޖޯޑެވެ. އެ ދެ ފަންނާނުން ވެސް އެންމެ ފުރަތަމަ ލޯބީގެ ގުޅުން ބާއްވާފައި ވަނީ އާންމުނަށާއި، މީޑިއާތަކަށް ނާންގައި ސިއްރުންނެވެ. ނަމަވެސް ދެ ފަންނާނުން ވެސް އެ ދެ މީހުންގެ އާއިލާއާ އެކީ އާންމުންނަށް ފެންނަން ފަށާފައިވާއިރު ގިނަ ބަޔަކު ވަނީ ދެ ތަރިންގެ އުމުރުގެ ތަފާތު ބޮޑުވުމުން ފާޑުކިޔައިފަ އެވެ.

އާންމުން ވަނީ ރިތިކަށް 48 އަހަރު ފުރިފައިވާއިރު، ސަބާ އަކީ އުމުރުން 36 އަހަރުގެ ތަރިއެއްކަން ފާހަގަކޮށްފަ އެވެ. އެ ދެ މީހުންގެ އުމުރުގައި 12 އަހަރުގެ ތަފާތެއް އެބަހުއްޓެވެ.