މީގެ 8 އަހަރު ކުރިން، ކ. މާފުށީގައި 18 ކޮޓަރީގެ ގެސްޓް ހައުސްއެއް ހަދަން ބިންގާ ކޮންނަން ފެށުމުން އެރަށު ބައެއް މީހުން ސިފަކުރީ އަބްދުﷲ ނަޝީދު (ކާނި އަބްލޯ) ކުރަނީ މޮޔަކަމެއްގެ ގޮތުގަ އެވެ. އޭރު ތިން ކޮޓަރި ނުވަތަ ހަތަރު ކޮޓަރީގެ ގެސްޓްހައުސްތަކެއް ހިންގި މާފުށީ މީހުންގެ އެތަންތަން ފުލް ނުވެގެން ހާސްވެ، ކަންބޮޑުވެގެން އުޅެނިކޮށް، އަބްދުﷲ އެ ރަށަށް ގޮސް ފުރަތަމަ ވެސް ފެށީ އެހެން އެންމެނަށް ވުރެ މަތިންނެވެ. އެއީ އަބްދުﷲގެ ފެށުމެވެ.
އަބްދުﷲ ގެސްޓް ހައުސް ވިޔަފާރިއަށް އިއްޔެ 8 އަހަރު ފުރުނުއިރު، މާފުށީގައި ގެސްޓް ހައުސް ވިޔަފާރީގެ އެންމެ އުހުގައި އުޅެނީ އަބްދުﷲ އެވެ. އަސްނާ އިންވެސްޓްމަންޓުން މުޅި އެކު ފަސް ގެސްޓްހައުސް ހިންގާއިރު މިވަގުތު ރާއްޖޭގެ ބިމުގެ ނިސްބަތުން އެންމެ ބޮޑު ގެސްޓް ހައުސް ވެސް އިމާރާތްކޮށް ހިންގަނީ އަބްދުﷲ އެވެ.
އެއީ މާފުށީގައި 6،000 އަކަފޫޓުގެ ބިމެއްގައި ދިހަ ބުރިއަށް ހަދާފައިވާ ކާނި ޕާމް ބީޗެވެ. 253 އެނދުގެ މި ގެސްޓް ހައުސްއަކީ ޔޫރަޕުން އަންނަ ގެސްޓުން މޫދު ނުފެންނާތީ އެކަމަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން އަބްދުﷲ އިމާރާތްކުރި ތަނެކެވެ.
"އަޅުގަނޑު މިގެންދިޔައީ ކޮންމެ ދެ އަހަރަކުން އާ ތަނެއް ހުޅުވަމުން. ފުރަތަމަ ވެސް މިރަށުގައި ބިންގާ އެޅީ 18 ކޮޓަރީގެ ގެސްޓް ހައުސްއެއް. މި ރަށު މީހުން ބުނީ ކާކުހޭ ތިތަނަށް އަންނާނީ. މޮޔައެއް ނޫންހޭ ތިވަރުގެ އިންވެސްޓެއް ކުރާނީ،" އޭނާގެ ފެށުން އައިގޮތް "ހުރިހާ"އަށް ކިޔައިދެއްވަމުން މިއަދު ވިދާޅުވި އެވެ.
އަބްދުﷲ ވިދާޅުވީ ބިންގާ ކޮންނަން ފެށީ އެ ގެސްޓް ހައުސް މާކެޓްކުރަން ފެށުމަށް ފަހު ކަމަށެވެ. އަދި ކާނި ބީޗް ހުޅުވިއިރު 12 ގެސްޓުން އެތަނުގައި ތިބި ކަމަށް އޭނާ ވިދާޅުވި އެވެ.
"ހުޅުވިއިރު 12 ގެސްޓުން އައި. ހަފުތާ އެއްގެ ތެރޭގައި މުޅި ތަން ފުލްވި،" އަބްދުﷲ ވިދާޅުވި އެވެ.
އަބްދުﷲ ގެ ގެސްޓް ހައުސް ވިޔަފާރި މާފުށިން ފެށީ ވެސް ވަރަށް ކާމިޔާބުކަމާއެކު އެވެ. އޭރު އެ ރަށު މީހުންނަށް ކޮޓަރިތަކުގެ ބޭރުގައި ބެލްކަނީ ހިމައިގެން އިމާރާތްކުރުމުގެ ވިސްނުމެއް ނާދެ އެވެ. އެ ކޮންސެޕްޓް ވެސް މާފުއްޓަށް އެންމެ ފުރަތަމަ ތައާރަފްކުރީ ވެސް އޭނާ ވިދާޅުވި އެވެ.
"މި ރަށަށް ސީވިއު ބެލްކަނީ ކޮންސެޕްޓް ގެނައީ އަޅުގަނޑު. މިތަނަށް އަންނަ ކޮންމެ ގެސްޓަކު ވެސް މިހާރު ބޭނުން ވަނީ ބެލްކަނި ހުންނަ ކޮޓަރި،" އަބްދުﷲ ވިދާޅުވި އެވެ.
ސީވިއު ބެލްކަނި ކޮޓަރީގެ ޑިމާންޑް ބޮޑުވެ، އެންމެ ފަހުން އަބްދުﷲ އަށް ޖެހުނީ ވީހާ ވެސް ގިނަ ބަޔަކަށް ސީވިއު ފެންނަ ގޮތަށް އުސް އިމާރާތެއް ހަދާށެވެ. އެއާއެކު 65 މިލިއަން ރުފިޔާ ހަރަދުކޮށްގެން އަބްދުﷲ ވަނީ ބިމުގެ ސައިޒުގެ ގޮތުން ރާއްޖޭގައި ހުރި އެންމެ ބިޔަ ގެސްޓް ހައުސް ހުޅުވައިފަ އެވެ.
"މިތަން ހަދަން ޖެހުނު އެންމެ ބޮޑު ސަބަބަކީ ޔޫރަޕުން އަންނަ ގެސްޓުންގެ ޝަކުވާ ބޮޑުވެގެން. އެ މީހުންނަށް ކޮންމެހެން ވެސް ހުންނަން ޖެހޭ ސީވިއު ފެންނަ ކޮޓަރިއެއް. މިހާރު އެ ޝަކުވާ ވަރަށް މަދުވެއްޖެ،" އޭނާ ވިދާޅުވި އެވެ.
އަބްދުﷲ މާފުށީގައި ހަތަރު ގެސްޓް ހައުސް ތަރައްގީކޮށް ހިންގަނީ، އަމިއްލަ މީހުންގެ ބިންތައް ދިގު މުއްދަތަށް ކުއްޔަށް ނަގައިގެންނެވެ. 8 އަހަރުގެ ތެރޭގައި އަބްދުﷲގެ ޖުމްލަ އިންވެސްޓްމަންޓްގެ އަގު ވަނީ 140 މިލިއަން ރުފިޔާއަށް އަރައިފަ އެވެ. އޭގެ ތެރޭގައި ފަސް ގެސްޓްހައުސް އާއި ލޯންޗާއި އެކްސްކާޝަން، ލޯންޑްރީ، ސްޓާފުން ނިދާ ތަންތަނަށް ކުރި ހަރަދުތައް ހިމެނެ އެވެ.
މާފުށީގެ އިތުރުން މާލޭގެ ހެންވޭރު ކާނި ގޯޅީގައި ވެސް އަބްދުﷲގެ އަމިއްލަ ގޭގައި ވެސް ގެސްޓް ހައުސްއެއް ހިންގަ އެވެ. އެއީ އަބްދުﷲގެ ފެށުމެވެ. ނަމަވެސް ލޯކަލް ޓޫރިޒަމް ތައާރަފްކުރުމާ ގުޅިގެން ރަށް ރަށުގައި ގެސްޓްހައުސް ހިންގަން ފެށުމުން އޭނާގެ ލޯ އެންމެ ފުރަތަމަ ވެސް އަމާޒުވީ މާފުއްޓަށެވެ.
މާފުށީގައި ތިން ބުރި އަށް ކާނި ބީޗް ހެދުމާއެކު މާފުށީގެ ގެސްޓް ހައުސް ވިޔަފާރިއަށް ދިރުން އަ އެވެ. އެތަނާއެކު އަބްދުﷲ އެ ރަށުގައި އެތައް ވިޔަފާރިއެއް ތައާރަފްކޮށް ގިނަ އަދަދެއްގެ ވަޒީފާ އުފެއްދި އެވެ. އެގޮތުން މިދިޔަ މާޗް 17 ވަނަ ދުވަހު ގެސްޓްހައުސްތައް ބަންދުކުރިއިރު މުވައްޒަފުންގެ ގޮތުގައި 181 މީހުން ގެންގުޅުނެވެ.
ކޮވިޑާ ގުޅިގެން އަބްދުﷲ ހުރިހާ ގެސްޓްހައުސްތައް ބަންދުކުރުމަށްފަހު ކާނި ޕާމް ބީޗް އަލުން ހުޅުވައި އަންނަނީ ޚިދުމަތް ދެމުންނެވެ.
"މިހާރު މިގެންދަނީ އަލުން މުވައްޒަފުން ހޯދައި ފަހަރަކު ތަނެއް ހުޅުވަމުން. މިވަގުތު މި ހިންގަނީ އެންމެ ތަނެއް،" އޭނާ ވިދާޅުވި އެވެ.
އަބްދުﷲ ގެ ގެސްޓް ހައުސް ވިޔަފާރިއަށް އިއްޔެ 8 އަހަރު ފުރުނުއިރު، އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ ކޮވިޑްގެ ސަބަބުން ދަތުރުފަތުރު ނުކުރެވޭ މައްސަލަ އެވެ. އޭނާގެ އުއްމީދަކީ މި ބަލިމަޑުކަމުން ވީހާ ވެސް އަވަހަކަށް އަރައިގަނެ، ކުރީގެ ހާލަތަށް އަލުން ރުޖޫއަވުމެވެ.