ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)ގެ ދަށުން މާލޭގައި އެމްޓީސީސީން ފަށާފައިވާ މިނީ ބަހުގެ ހިދުމަތުން މާދަމާއިން ފެށިގެން އަގު ނަގަން ފަށާއިރު ބަހުގައި ވެސް ކަރުދާސް ޓިކެޓް ވިއްކާނެ ކަމަށާއި އެހެން ނަމަވެސް ބަހުގެ ތެރޭގައި ފައިސާ މާރުކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ނުހުންނާނެ ކަމަށް އެމްޓީސީސީން ބުނެފި އެވެ.
އެމްޓީސީސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އާރްޓީއެލް ޓްރެވަލް އެޕް ބޭނުންކޮށްގެން ބަހުގެ ޓިކެޓް ގަނެގެން ދަތުރުކުރެވޭނެ ކަމަށެވެ. އަދި މިގޮތަށް ޓިކެޓް ނަގަން އުނދަގޫވާ ފަރާތްތަކަށް ކަރުދާސް ޓިކެޓް ވިއްކުމާއި، އިތުރު ގޮތްތައް ފަހިކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް އާޒިމް ވިދާޅުވި އެވެ.
"ބަހުގައި ޓިކެޓް ގަނެގެން ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވީ ނަމަވެސް، ބަހުގެ ތެރޭގައި ފައިސާ މާރު ނުކުރެވޭނެ. މިގޮތަށް ހަމަޖެއްސުމުން ދަތުރުގެ ވަގުތު ސަލާމަތް ކުރެވޭ،" އާޒިމު ވިދާޅުވި އެވެ.
އެހެންކަމުން ކަރުދާސް ޓިކެޓް ނަގައިގެން މިނީ ބަހުން ދަތުރުކުރަން ބޭނުންވާ ފަރާތްތަކުން ޓިކެޓުގެ ސީދާ އަގުކަމަށްވާ ހަތް ރުފިޔާ ހިފައިގެން ބަހަށް އެރުމަށް އާޒިމް ވަނީ އިލްތިމާސްކުރައްވާފަ އެވެ.
ކަރުދާސް ޓިކެޓް ވިއްކުމަށް ނިންމާފައި ވަނީ ހަމައެކަނި އާރްޓީއެލް މާލޭ ބަހުގެ ޚިދުމަތަށެވެ. އަދި ކަރުދާސް ޓިކެޓްތައް ވިއްކާނީ ސީދާ ބަހުންކަމަށާއި، ޓާމިނަލްތަކުން ކަރުދާސް ޓިކެޓް ލިބެން ނުހުންނާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
މީގެ އިތުރުން އާޒިމް ވިދާޅުވީ މިއަހަރުގެ ތެރޭގައި އާރްޓީއެލް ދަތުރު ކާޑެއް ލޯންޗުކުރުމަށްވެސް މަސައްކަތް ކުރަމުންދާ ކަމަށާއި، އޭރުން ވިސާ، އެމެކްސް ނުވަތަ މާސްޓާ ކާޑު ނުގެންގުޅޭ ފަރާތްތަކަށް ވެސް އާރްޓީއެލް ދަތުރު ކާޑަށް ފައިސާ އަޅައިގެން ޓިކެޓަށް ފަސޭހައިން ފައިސާ ދައްކާލެވޭނެ ކަމަށެވެ. ހަމައެހެންމެ ބަހުން ގިނަ ދަތުރުތައް ކުރާ ފަރާތްތަކަށް ކޮންމެ ފަހަރަކު ވަކިން ޓިކެޓެއް ގަތުމުގެ ބަދަލުގައި ބަލްކުކޮށް ޓިކެޓް ގަނެވޭނެ ގޮތަށް އާރުޓީއެލް އެޕްލިކޭޝަނަށް ބަދަލު ގެނެސްފައިވާ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
މާލޭގައި އާރްޓީއެލް މިނީ ބަހުގެ ހިދުމަތް އެމްޓީސީސީން ދޭން ފަށާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހު އެވެ. އެފަހުން 4 ހަފްތާ ވަންދެން ހިލޭ މި ހިދުމަތް ފޯރުކޮށްދީފައިވާއިރު، މި ހިދުމަތް ވެފައި ވަނީ އާންމުން ވަރަށް ބޮޑަށް ބަލައިގަތް ހިދުމަތަކަށެވެ.