ސ. ހިތަދޫ ލިންކް ރޯޑުގައި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އެކަކުގެ ހާލު ސީރިއަސްވެއްޖެ އެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓް ހިނގާފައި ވަނީ ދެ ސައިކަލެއް ޖެހިގެން ކަމަށެވެ. އަދި އެކްސިޑެންޓް ހިނގައިގެން އުޅޭކަމުގެ ހަބަރު ފުލުހުންނަށް މިއަދު ހަވީރު ލިބުނު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެކްސިޑެންޓުގައި ސައިކަލު ދުއްވި ދެ މީހުންނަށް ވެސް އަނިޔާވި ކަމަށެވެ. އެ ދެ މީހުންނަށް އައްޑޫ އީކުއަޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދާކަން ފާހަގަކޮށް ފުލުހުން ބުނީ އެއިން އެކަކުގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ. އަދި އޭނާއަށް އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ސައިކަލު ދުއްވި ދެ މީހުންނަކީ ވެސް ދުއްވުމުގެ ލައިސަންސް އޮންނަ ދެ މީހުން ކަން ފުލުހުން ބުނެފައިވެ އެވެ. މި މައްސަލަ ފުލުހުން އިތުރަށް ބަލައި ތަހުގީގު ކުރަމުން ގެންދާކަމަށް ފުލުހުން ބުނެފައިވެ އެވެ.
އެކްސިޑެންޓާއި ގުޅިގެން މައުލޫމާތުދެމުން އައްޑޫ ހޮސްޕިޓަލުން ބުނީ، އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ފަރުވާދިނުމަށް ގެނެސްފައިވާކަމަށެވެ. އެތަނުން ދެމީހެއްގެ ހާލު ރަނގަޅު ނަމަވެސް އެކަކުގެ ހާލު ސީރިއަސްކަމަށް ހޮސްޕިޓަލުން ހާމަކޮށްފައިވެ އެވެ. ހާލު ސީރިއަސްވެގެން ފަރުވާދެމުން ދަނީ 62 އަހަރުގެ ފިރިހެނަކަށް ކަމަށްވެ އެވެ.