ކަލާޒް ޓީވީން ގެނެސްދޭ "ބިގް ބޮސް" އަކީ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ރިއަލިޓީ ޝޯއެކެވެ. އަދި މިއީ ދިވެހިންގެ މެދުގައި ވެސް ވަރަށް މަގުބޫލު ޝޯއެކެވެ.

"ބިގް ބޮސް 16" މި މަހުގެ ފުރަތަމަ ދުވަހު ފަށާފައިވާއިރު މިފަހަރުގެ ސީޒަންގައި ވެސް މަޝްހޫރު ތަރިންތަކެއް ވަނީ "ބިގް ބޮސް" ގެޔަށް ވަދެފަ އެވެ.

ސަލްމާން ޚާން ހޯސްޓްކުރާ މި ފަހަރުގެ ސީޒަންގައި ވާދަކުރާ ބައިވެރިންގެ ތެރެއިން އެކަކީ ޖިންސީ ގޯނާގެ ގިނަ ތުހުމަތުތަކާ ގުޅިގެން ބޮލީވުޑުން އެކަހަރެކޮށްފައި ހުރި ޑައިރެކްޓަރު ސާޖިދު ޚާން އެވެ. އޭނާ "ބިގް ބޮސް 16" ގައި ވާދަކުރާތީ ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ވެސް މިހާރު ވަނީ އަމާޒުވާން ފަށައިފަ އެވެ. އެގޮތުން ޖިންސީ ގޯނާގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ މީހަކު އެ ޝޯ އަށް ގެނެސް، އޭނާގެ މޫނުމަތި ރަނގަޅުކޮށްދޭން މަސައްކަތްކުރާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

ސާޖިދަކީ މަޝްހޫރު ޑައިރެކްޓަރު-ކޯރިއޮގްރާފަރު ފަރާ ޚާންގެ ކޮއްކޮ އެވެ.

މީގެ ހަތަރު އަހަރު ކުރިން ސާޖިދުއާ އެކު އެކި ފިލްމުތަކުގައި މަސައްކަތްކުރި އަންހެން ފަންނާނުންތައް، އޭނާ ޖިންސީ ފުރައްސާރަ ކުރާކަމަށް ބުނެ ކުރި ތުހުމަތުތަކާ ގުޅިގެން ސާޖިދު ގެއިން ބޭރަށް ނުކުމެފައެއް ނުވެ އެވެ.

"ބިގް ބޮސް 16" ގެ ޕްރީމިއާގައި ސާޖިދު ބުނީ އޭނާ އަށް ކަތި ފިޔަވަޅުތަކެއް އެޅުނީ އަމިއްލަ ކާމިޔާބީ ބޮލަށް ސަވާރުވެގެން ކަމަށެވެ. އަދި އެކަމާ މިހާރު ހިތާމަކުރާ ކަމަށާއި އަމިއްލަ މަސައްކަތުން ހޯދި ކްރެޑިޓް ވެސް ގެއްލިފައިވާ ކަމަށެވެ. އެކަމަކު އެކަންވީ އެންމެ އިންސާފުވެރިކޮށް ނޫން ކަމަށާއި ކްރެޑިޓް ފޭރިގެންފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

"ކާމިޔާބީގެ ސަބަބުން އަހަންނަށް އަހަރެން އޮޅި އަހަރެންގެ އަމިއްލަ ނަފްސު ހަލާކު ކޮށްލެވުނީ. އަހަރެން މާބޮޑަށް ފޮނިވެ ބޮޑާވެގަތީ. އަހަރެންގެ ދުވަސް ދިޔައީ އަދި ކަމެއް ނެތި ހަތަރު އަހަރު ގޭގައި ހުންނަން ޖެހުނީ އެ ސަބަބާ ހުރެކަން އަހަރެން ގަބޫލުކުރަން،" ސާޖިދު ބުންޏެވެ.

ސާޖިދުގެ އިތުރުން "ބިގް ބޮސް 16" ގައި ވާދަކުރާ ބައިވެރިންނަކީ ނިމްރަތު ކޯރް އަހުލުވާލިއާ، އެމްސީ ސްޓޭން، ޓީނާ ދައްތާ، އަންކިތު ގުޕްތާ، ސުމްބުލް ތައުގީރް، އަބްދޫ ރޮޒިކް، މާޔާ ސިންގް، އަރްޗަނާ ގޯތަމް، ސައުންދަރިއާ ޝަރުމާ، ޝާލިން ބެނޮޓް، ސްރީޖިތާ ދޭ، ޝިވް ތަކާރޭ، ޕްރިޔަންކާ ޗާހަރް ޗައުދަރީ، ގޯތަމް ވިގް އަދި ގޯރީ ނަގޯރީ އެވެ.